ޚަބަރު

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގައި ދޫނިރޯގާ ފެތުރޭތީ އދގެ ކަންބޮޑުވުން


އޭޝިޔާ އަދި ޕެސިފިކްގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ދޫނިރޯގާ ފެތުރެމުންދާ ކަން ހާމަކޮށް, އދގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އިދާރާ (އެފްއޭއޯ)ން ކަންބޮޑުވުން ފާޅު ކޮށްފިއެވެ. އޭޝިޔާ-ޕެސިފިކްގެ ޤައުމުތަކުގައި އިންސާނުންނާއި ހައިވާނުންގެ މެދުގައި 'އެވިއަން އިންފްލުއެންޒާ' ނުވަތަ އެޗް5އެން1 ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގެ އިންޒާރުކޮށް, އެފްއޭއޯއިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.

އެފްއޭއޯން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ, ދެކުނު އެމެރިކާގެ ޤައުމުތަކުގެ އިތުރުން ދުނިޔޭގެ އެންމެ ދެކުނު ތަނޑި, އެންޓާޓިކާއިން ވެސް ވައިރަސް ޖެހިފައިވާ އަދި މަރުވެފައިވާ ޖަނަވާރުތައް ފެންނަމުންދާ ކަމުގައެވެ. "2023ވަނަ އަހަރަށް ފަހު މި ވައިރަސް އިންސާނުންނާއި ހައިވާނުންގެ މެދުގައި ފެތުރެމުންދާ ހަލުވި ކަން އިތުރު ވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައި. މި ބަލި ކުރިން ފެނިފައި ނުވާ ޖަނަވާރުތަކުން ވެސް މިހާރު ވައިރަސްގެ އަސަރު ދަނީ ފެންނަމުން،" އެފްއޭއޯގެ އިމަރޖެންސީ ސެންޓަރ ފޯ ޓްރާންސްބައުންޑްރީ އެނިމަލް ޑިޒީޒުން ބުންޏެވެ.

އެ އިދާރާގެ ރީޖަނަލް މެނޭޖަރ ކަޗެން ވޮންގްސަތަޕޯންޗައި ވިދާޅުވީ އެވިއަން އިންފްލުއެންޒާގެ އައު ސްޓްރެއިނެއް ނުވަތަ ވޭރިއެންޓެއް ކަމުގައިވާ އޭ/އެޗް5އެން1 ދެނެގަނެވިފައިވާ ކަމަށާއި, އެއީ އިންސާނުންނާއި ޖަނަވާރުތަކުގެ މެދުގައި ވަރަށް ހަލުވިކަމާ އެކު ފެތުރުމުގެ ގާބިލު ކަން ލިބިފައިވާ ސްޓްރެއިނެއް ކަމުގައެވެ. އަދި, އޭގެ ސަބަބުން ނުރައްކާތެރި ބަލިމަޑު ކަމެއް ފެށުމުގެ ބިރު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައި ވެސް އޭނާ އިންޒާރު ކުރެއްވިއެވެ.

2023ވަނަ އަހަރު ފަހު ކޮޅު ކެމްބޯޑިޔާއިން އެކަނި ވެސް 13 މީހުންނަށް ބަލި ޖެހިފައިވާ ކަމުގައި އެފްއޭއޯން ހާމަކުރިއެވެ. މީގެ އިތުރުން, ޗައިނާއާއި ވިއެޓްނާމުން ވެސް މި ބަލި ޖެހިފައިވާ އިތުރު ބަޔަކު ފެނިފައިވާ ކަމުގައި އެ އިދާރާއިން ބުންޏެވެ. އަދި, އިންޑޮނީޝިޔާއާއި, ފިލިޕީންސާއި, އިންޑިޔާއާއި, ނޭޕާލްގެ އިތުރުން ބަންގްލަދޭޝުން ވެސް މި ވައިރަސްގެ އަސަރު ކޮށްފައިވާ މީހުންނާއި ޖަނަވާރު ފެނިފައިވާ ކަމުގައި އެ އިދާރާގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

މި ނުރައްކާތެރި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ހުރިހާ ޤައުމެއްގެ އިތުރުން ބައިނަލްއަޤުވާމީ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުން ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި އެފްއޭއޯއިން ބުންޏެވެ. އަދި, މި ބަލި ދެނެގަތުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައި, ޖީނޯމް ސީކުއެންސިންގ ދިރާސާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެފްއޭއޯއިން ވަނީ އެ އިދާރާގެ މެންބަރު ޤައުމުތަކަށް އިރުޝާދު ދީފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޗް5އެން1ގެ ސަބަބުން މަރުވެފައިވާ ދޫނިސޫފާސޫތްޕާއި ޖަނަވާރުގެ ޢަދަދު އެތަކެއް ބިލިޔަނަކަށް އަރައެވެ. އޭގެ ތެރޭގައި ހުއިހެއްޕުމަށް ގެންގުޅޭ ޖަނަވާރުތައް ވެސް ހިމެނެއެވެ. އޮސްޓްރޭލިޔާގައި އެކަނި ވެސް ތިން ސަރަޙައްދެއްގައި ދޫނިރޯގާ ފެތުރެމުންދާ ކަން އެ ޤައުމުން ރިޕޯޓު ކޮށްފައިވެއެވެ. އަދި, މޭ މަހު ދޫނިރޯގާ ޖެހިފައިވާ މީހަކު އެ ޤައުމުން ފެނިފައިވެއެވެ.

ދޫނިރޯގާގެ އައު ވޭރިއެންޓެއް ކަމުގައިވާ އެޗް3އެން8 ޖެހިގެން ދާދި ފަހުން ޗައިނާއިން އަންހެނަކު މަރުވެފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ. އެއީ, އެ ވޭރިއެންޓުގެ ސަބަބުން ރެކޯޑު ކުރެވުނު ފުރަތަމަ މަރެވެ. ދޫނިރޯގާ ފެތުރެމުންދާ ގޮތް ދެނެގަތުމަށް ދިރާސާ ކުރާ ސައިންސްވެރިން ބުނީ, މި ކަމާ މެދު ޤައުމުތަކުގެ ސަރުކާރުތަކުން އަހަންމިއްޔަތު ކަން ދޭ މިންވަރު ވަރަށް ކުޑަ ކަމުގައެވެ. އަދި, އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައެވެ.