ޚަބަރު

ރިޔާސީ ރޭހުން ފެޔަށް ޖެހުނީ އައު ޖީލަށް ފުރުޞަތު ދޭން: ބައިޑަން


ނޮވެންބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުން ފެޔަށް ޖެހިވައިގަތީ އައު ޖީލަކަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމަށް ކެމްޕޭން ކުރެއްވި ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ, ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑެސީ ދޫކޮށްލައްވައި ނައިބު ރައީސް ކަމާލާ ހެރިސަށް ތާޢީދު ކުރައްވާ ކަން ހާމަ ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ ރޭހުން ވަކިވެޑައިގަންނަވާފައިވާ ކަން ބައިޑަން އިޢުލާނު ކުރައްވާފައި ވަނީ ކޮވިޑް-19 ޖެހުމާ ގުޅިގެން ޑެލަވެޔާގައި އެކަހެރިވެގެން ހުންނަވައި އެކްސް (ކުރިން ޓްވިޓަރ)ގައި ޝާއިޢު ކުރެއްވި ސިޓީއެއްގައެވެ. ބަލި ފަސޭހަވުމުން އޭނާ މި ވަނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ހުންނަވައި ފުރަތަމަ ފަރަހަށް ޓީވީ މެދުވެރިކޮށް ޤާއުމާ މުޚާޠަބު ކުރައްވާފައެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވުނު ގޮތުގައި ޤައުމުގެ ކުރިމަގަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދަންމަރު އައު ޖީލަކާ ހަވާލު ކުރުން. އެއީ, ޤައުމުގައި އެއްބައިވަންތަ ކަން ގާއިމު ކުރެވެން އޮތް އެންމެ ރަނގަޅު ގޮތް،" 81 އަހަރުގެ ބައިޑަން ވިދާޅުވިއެވެ. ނަމަވެސް, އޭނާ ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގަންނަވާފައި ވަނީ, ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑެސީ އޭނާއަށްވުރެ ޒުވާން އަދި ގާބިލު ކެނޑިޑޭޓަކާ ހަވާލު ކުރުމަށް ގޮވައިލަމުންދާ އަޑުތައް ގަދަވެގެން ދިޔަ ދަނޑިވަޅެއްގައެވެ. ޕާޓީގެ މެންބަރުން އެ ކަމަށް ގޮވައިލަން ފަށާފައި ވަނީ ޖޫން 27ގައި ބޭއްވި ބަހުސެއްގައި ބައިޑަންގެ ކިބައިން ފެނިގެން ދިޔަ މަންޒަރުތަކާ ގުޅިގެންނެވެ.

59 އަހަރުގެ ހެރިސަށް ތާޢީދު ކުރައްވާ ކަން ބައިޑަން ހާމަކުރެއްވިތާ ގިނަ އިރުތަކެއް ނުވެ, ހެރިސް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ޑެލިގޭޓުންގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާޢީދު ކަށަވަރު ކުރައްވައި, ރަސްމީ ކޮށް ކެމްޕޭން ކުރައްވަން ފައްޓަވާފައެވެ. އޭނާގެ ފުށުން ފެނިގެން ގޮސްފައި ވަނީ ބައިޑަން ވިދާޅުވި ގޮތަށް, އަައު ޖީލަކުން ފެނިގެން ދާން ޖެހޭނެ ފަދަ ދިރުމަކާއި ރޫޙެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

އަދި, ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހެރިސަށް ބަހުގެ ޙަމަލާތައް އަމާޒު ކުރައްވަން ފައްޓަވާފައެެވެ. ބައިޑަން ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ޓްރަމްޕް ވަނީ ކެމްޕޭން ޖަލްސާއެއްގައި ހެރިސާ މެދު ވަރަށް ހުތުރު ބަސްތަކެއް ބޭނުން ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ޓްރަމްޕް ސިފަ ކުރައްވާ ގޮތުގައި ހެރިސަކީ ވައަތު ފިޔައިގެ "ހަމަ ބުއްދި ފިލާފައިވާ" މީހެކެވެ. ނަމަވެސް, ހެރިސް ހުންނެނީ ޓްރަމްޕަށް ދޫދެއްވާ ގޮތަކަށް ނޫނެވެ. ހެރިސް ވިދާޅުވީ ޓްރަމްޕަކީ ޖިނާޢީ ކުށެއް ސާބިތުވެފައިވާ ކުށްވެރިއެއް ކަމުގައެވެ. އޭނާއަކީ އަންހެނުންނަށް ޖިންސީ ގޯނާ ކުރާ މީހެއް ކަމުގައެވެ. އަދި, އޭނާ ހިންގާ ވިޔަފާރިތަކަކީ މަކަރާއި ޚިޔާނާތުން ފުރިފައިވާ ވިޔަފާރިތަކެއް ކަމުގައެވެ.

އެމެރިކާގެ ސިޔާސީ މަސްރަޙުން ފެންނަނީ ހެރިސަށް އޮތް ތާޢީދު އިތުރުވަމުންދާ މަންޒަރެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކުރީގެ ރައީސް ބަރާކް އޮބާމާ ހެރިސަށް ތާޢީދު ކުރައްވާނެ ކަން ރަސްމީކޮށް އިޢުލާނު ކުރައްވާނެ ކަން އެންބީސީ ނޫހުން ހާމަ ކުރުމާ އެކު, އެ ތާޢީދު އިތުރުވެގެން ގޮސްފައިވާ މަންޒަރު ފެނިގެން ދިޔަ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ހެރިސަށް ތާޢީދު ހޯއްދެވުމަށް ހެރިސްގެ ކެމްޕޭނުން އޮބާމާ ފެނިގެން ދާނެ ކަމަށް ވެސް އެންބީސީން ރިޕޯޓު ކޮށްފައިވެއެވެ.

ކެމްޕޭނުގައި 78 އަހަރުގެ ޓްރަމްޕް ވިދާޅުވަމުން ގެންދަވާފައިވާ އެއް ވާހަކައަކީ ބައިޑަންގެ އުމުރުގެ ދޮށި ކަމުގެ ވާހަކައެވެ. ނަމަވެސް, މިއަދު މި ވަނީ ހާލަތު ބަދަލުވެ, އޭނާއަށް ވުރެ ހަގު ކެނޑިޑޭޓަކާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ޖެހިވަޑައިގަންނަވާފައެވެ. ހެރިސަކީ އޭޝިޔާ ދަރިކޮޅަށް ނިސްބަތްވާ ކަޅު ނަސްލުގެ ބޭފުޅެކެވެ. މި ކަންކަމަށް އިޝާރާތްކޮށް ޓްރަމްޕްގެ ކެމްޕޭނުން ދަނީ ޖިންސީ އަދި ނަސްލީ ތަފާތު ކުރުމުގެ ބަސްތައް ބޭނުން ކޮށްގެން ހެރިސަށް ބަހުގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ނަމަވެސް, ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން ގިނަ ބަޔެއްގެ ތާޢީދާއި ލޯބި ހެރިސަށް މިހާރު ވެސް ލިބިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ޑިމޮކްރެޓިކް ޕާޓީގެ ޑެލިގޭޓުންގެ އިތުރުން މަޖިލިސް މެންބަރުންނާއި ޢާންމު މެންބަރުން ވަނީ ހެރިސްގެ ފަހަތަށް އަރާފައެވެ. އޭނާއަށް ތާޢީދު ކުރާ ކަން ބައިޑަން ހާމަ ކުރެއްވި ފަހުން ހެރިސްގެ ކެމްޕޭނަށް ލިބިފައިވާ ފައިސާގެ އެހީގެ ޢަދަދު 126 މިލިޔަން ޑޮލަރަށް ވަނީ އުފުލިފައެވެ. މިއީ, މިހާ ކުރު މުއްދަތެއްގެ ތެރޭގައި ރިޔާސީ ކެނޑިޑޭޓެއްގެ ކެމްޕޭނަށް އެހީގެ ގޮތުގައި ލިބިފައިވާ އެންމެ ގިނަ ފައިސާއެވެ. އޭގެ ތެރެއިން 64 އިންސައްތަކީ, މި އަހަރުގެ ކެމްޕޭނަށް އަލަށް ފައިސާ ހަދިޔާކުރި ފަރާތްތަކެވެ.