ޚަބަރު

ބިދޭސީންގެ ފީ އެއްލައްކައިން މަތިން ދައްކަންޖެހޭ ހާހަކަށްވުރެ ގިނަ ފަރާތައް ފީދައްކަން މުހުލަތެއް


  • ފީތަކާއި ޖޫރިމަނާތައް އެއްލައްކައަށްވުރެ އިތުރުވާ ފަރާތްތަކުގެ މަޢުލޫމާތު މިހާރު ވަނީ އާންމުކޮށްފައި

  • މިގޮތަށް ފާހަގަކުރެވިފައިވާ 1026 ފަރާތެއްގެ މަޢުލޫމާތު އާންމުކޮށްފައިވޭ

  • އެންމެ ބޮޑު ޖޫރިމަނާއެއް އަރާފައިވާ ފަރާތްވެސް 26 މިލިޔަނަށްވުރެ ބޮޑު އެއްޗެއް ދައްކަންޖެހޭ

ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް މުހުލަތެއްދީފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ މިގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާތިބި ފަރާތްތަކުން އަންނަމަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް އަންގަވާފައެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނާއި ޤަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100,000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތު އެ ވުޒާރާއިން މިހާރު ވަނީ އާންމުކުރައްވާފައެވެ.

އެންމެ ބޮޑު ޖޫރިމަނާ 26 މިލިޔަނަށްވުރެ މަތި!

ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1026 ފަރާތެއްގެ ނަމާއި، އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމެނޭ ލިސްޓެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ އާންމުކުރައްވާފައެވެ. މީގެ ތެރޭގައި އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ކުންފުނިތަކާއި ވަކިވަކި ފަރުދުންވެސް ހިމެނެއެވެ.

މި ރިޕޯޓަކީ މިމަހުގެ 23 ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމުން ނަގާފައިވާ ރިޕޯޓެއްކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ދުވަހާ ހަމައަށް ކެންސަލްކޮށްފައި ނުވާ ވަރކް ޕަރމިޓްތަކުގެ ވަރކް ޕަރމިޓް ފީ ބަލާފައިވަނީ މި ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ފީގެގޮތުގައި ކަމަށާއި، ވަޒީފާދޭ ފަރާތުން ކެންސަލްކުރަން ބޭނުންވާ އެއްވެސް ވަރކް ޕަރމިޓެއް ކެންސަލްކޮށްފައިނުވާނަމަ އެ ވަރކް ޕަރމިޓްތައް ކެންސަލްކުރުމަށްވެސް ވަނީ އަންގަވާފައެވެ.

މި ލިސްޓުގައިވާގޮތުން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަންޖެހޭ ފަރާތުގެ ޖޫރިމަނާވެސް 26.8 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި ވޯރކް ޕަރމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ 24 މިލިޔަނަށްވުރެ ގިނަ ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި ދައްކަންޖެހޭ 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ މި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރުމަށް އަންގަވާފައެވެ. މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލެވޭނެކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކޮށް، އެފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް މުހުލަތެއް ދީފައިވާއިރު، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީމީހާ ދެނެގަތުމާއި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ. އަދި އަމިއްލައަށް އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރައްވާނެ ކަންތައްތަކެއްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. އޭގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އަދި އެފަދަ ޢަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.