ޚަބަރު

މިނިވަންކަން ދެމެހެއްޓުމަށް ޤައުމިއްޔަތުގެ އަސާސްތައް ނަގަހައްޓަންޖެހޭ!


  • މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނަޞީބު

  • މިނިވަންކަމަކީ އެންމެ މުހިންމު އެއް އަސާސީ ޙައްޤު

  • ޤައުމަށް ލޯބިކުރާ ދަރިންތަކެއް ތަރުބިއްޔަތުކުރަންޖެހޭ

މިނިވަންކަމަކީ ކޮންމެ ޤައުމަކަށްވެސް ލިބޭނެ އެންމެ އަގުހުރި އެއް ނިޢުމަތެކެވެ. ޤައުމަކަށް މިނިވަންކަން މުހިންމުވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެންވާތީއެވެ. މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ފަޚުރުވެރި މިނިވަން ދުވަހެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައިއޮތް އޮތުމަށްފަހު، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަލުން ހަމަޖެހިލީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރަނީ މި ތާރީޚީ ދުވަހާ ގުޅުވައިގެންނެވެ. މިނިވަންކަމަކީ ޤައުމެއްގެ ސިޔާދަތާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމުގެ އަސާސެވެ.

މިނިވަންކަން އޮތުމުން ޤައުމުގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބި، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރެވެއެވެ. ދިވެހިން މިއަދު މިދެކޭ މިނިވަންކަމަކީ، މިޤައުމުގެ މިނިވަކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމަށް ދިވެހި އެތައް އަބުޠާލުން ކޮށްދެއްވި އަގުހުރި މަސައްކަތުގެ ފޮނިމޭވާއެވެ.

ދިވެހިރާއްޖެ އިނގިރޭސީންގެ ޚިމާޔަތުގެ ދަށަށް ދިޔައީ 1887 ގައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން ސޮއިކުރެއްވި މުއާހަދާއާއެކުގައެވެ.

މިފަދަ އެއްބަސްވުމަށް އޭރު ދާންޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އިޤްތިޞާދީގޮތުން ޤައުމު އޮތް ނާޒުކު ޙާލަތާއި، ސިޔާސީގޮތުން އޮތް ހަލަބޮލިކަމުގެ ތެރެއިން ބޭރު ބައެއްގެ ފުށުން ޤައުމަށް އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށެވެ.

އެއްބަސްވުމުގެ ދަށުން އިނގިރޭސީންގެ ޚިމާޔަތް ރާއްޖެއަށް ލިބުނެއްކަމަކު، ރާއްޖޭގެ އެތެރޭގެ ކަންކަމަށް އެމީހުންގެ ބާރާއި ނުފޫޒު ވެއްދުމަށް އެކި ދުވަސްވަރުމަތިން މަސައްކަތްކޮށްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ. ނަތީޖާއަކަށް ވެގެންދިޔައީ އެމީހުންގެ ޚިމާޔަތުގެ ދަށުގައި 77 އަހަރު ހޭދަކުރުމަށްފަހު ފުރިހަމަ މިނިވަން މުސްތަޤިއްލު ޤައުމަކަށްވުމުގެ ރޫހު ދިވެހިންގެ ތެރޭގައި އުފެދިގެން ދިއުމެވެ. އަޅުގަނޑުމެންނަށް މި މިނިވަންކަން ހޯދައިދިނުމުގެ އެންމެ އިސް މޭސްތިރިއަކީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުއެވެ.

މިނިވަންކަމާއި ޤައުމިއްޔަތު ގުޅެނީ ކިހިނެއް؟

މިނިވަންކަމަކީ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ތަނބެވެ. މިނިވަންކަން ނެތް ޤައުމެއްގައި ޙަޤީޤީ ޤައުމިއްޔަތެއް ނޯންނާނެއެވެ.

ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަކީ އެ ޤައުމެއްގެ ޤައުމިއްޔަތު ދެމެހެއްޓުމުގެ އަސާސެވެ. މިނިވަން ޤައުމަކަށް ވުމުން، އެ ޤައުމެއްގެ ރައްޔިތުންނަށް އަމިއްލަ ސަޤާފަތާއި އާދަކާދަ ދެމެހެއްޓުމުގެ ފުރުޞަތު ލިބެއެވެ. އަދި އަމިއްލަ ވެރިކަމެއްގެ ދަށުން އަމިއްލަ ކަންކަން ނިންމުމުގެ ބާރު ލިބެއެވެ. މިކަންކަމަކީ ޤައުމިއްޔަތު ވަރުގަދަ ކުރުމަށް މަގުފަހިވާ އެންމެ މައިގަނޑު ސިފަތަކެވެ.

މިނިވަން ޤައުމެއްގެ އުފާ އަޅުގަނޑުމެން ދިވެހިން ލިބިގަންނަހިނދު، މި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ މިއަދު އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެވެސް ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ.

މި ޒިންމާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މިނިވަންކަން އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށްޓަކާ ޤައުމިއްޔަތުގެ އަސާސްތަކަކީ ކޮބައިކަން ދެނެގަނެ، އެކަންކަމަށް މުޖްތަމަޢު ހޭލުންތެރިވުން މުހިންމުކަމަށެވެ. އަދި ދިވެހި ޤައުމިއްޔަތު އެންމެ މުހިންމު އަސާސަކީ މާތްވެގެންވާ އިސްލާމްދީންކަމަށާއި، އިސްލާމް ދީނުން ދަސްކޮށްދޭ ރިވެތި އަޙްލާޤުގެ ސިފަތަކާއި ޤައުމިއްޔަތުގެ ބަހާތައްކަމަށްވާ ބަހާއި ސަޤާފަތަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެއްކަން ފާހަގަކުރައްވާ، މިނިވަންކަމާއި ޤައުމިއްޔަތުގެ ބަހާތައް ޚިމާޔަތްކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެއްކަމުގައި ހަދަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަރުވާތެރިވާންޖެހޭ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި ދިވެހިންގެ އަސްލުތައް އަޅުގަނޑުމެން ދެނެގަތުން. އޭގެ ތެރެއިން އެންމެ ޚާއްސަ އެއް އަސްލު މާތްވެގެންވާ އިސްލާމްދީންމަތީ އަޅުގަނޑުމެން ސާބިތުވެ ތިބުން. އަޅުގަނޑުމެންގެ ތާރީޚު އަޅުގަނޑުމެންނަށް އެނގުން. އެއް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން މި ދެމިއޮތުމުގައި ހުރި ރުކުންތަކާއި އަސާސްތަކަށް ލޯހުޅުވިފައިވުން. ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވިފައިވުން." ވަޒީރު ވިދާޅުވިއެވެ.

މިނިވަންކަމަކީ އިންސާނުންގެ އަސާސީ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޙައްޤެވެ. މިނިވަންކަމަކީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމައި، އަމިއްލަ ވިސްނުމާއި ފިކުރުގައި ދިރިއުޅުމުގެ ފުރުޞަތު އޮތުމެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް މިނިވަންކަމަކީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ ޤަދަރުވެރި ނިޢުމަތެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ ދުވަހެއްގައި ޤައުމީ ލޯބި އާލާކޮށް، ޤައުމުގެ މަޞްލަޙަތު އިސްކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަޒުމަކަށް ހަދަންޖެހެއެވެ. މި ލޮބުވެތި ފަސްގަނޑުގެ ދިފާޢުގައި ޖާނާއި މާލުން ޤުރުބާންވި އަބުޠާލުންގެ ޒިކުރާ އަބަދުމެ އައު ކުރަންޖެހެއެވެ. ބޮޑެތިވަމުން އަންނަ ދަރިންގެ ހިތްތަކުގައި ޤައުމިއްޔަތަށް އޮންނަ ލޯބި އިތުރުކުރަންޖެހެއެވެ. މިއީ ވަކި ފަރުދަތަކަށްވުރެ ބޮޑަށް މުޖްތަމަޢުއެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ޤައުމީ ކަމެކެވެ.