ޚަބަރު

ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމް އިފްތިތާޙުކޮށްފި


  • 12 ރަށުގައި ޤާއިމުކޮށްފައިވަނީ 2.5 މެގަވޮޓްގެ ސޯލާ ޕީވީ

  • މީގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެޑީސަލް ބޭނުންކުރުން މަދުވެގެންދާނެ

ތ. އަތޮޅުގެ 12 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިފްތިތާހުކޮށްފިއެވެ.

މި މަސައްކަތް އިފްތިތާހުކޮށްދެއްވީ އެކަމަައްޓަކައި ތ. އަތޮޅު ކިނބިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ.

އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕަވަރސިސްޓަމް ތ. އަތޮޅުގައި ޤާއިމްކުރީ ވޭމަންޑޫ، ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ، ކަނޑޫދޫ، ތިމަރަފުށި މަޑިފުށި، ގުރައިދޫ، ވިިލިފުށި އަދި ދިޔަމިގިލީގައެވެ.

އިއާދަކުރަނިވި ހަކަތައަށް އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 20 ރަށެއްގައި 20 މެގަވޮޓުގެ ސޯލާ ޕީވީ އާއި ގަޑިއަކު 40 މެގަވޮޓު ބެޓެރީ އެނަރޖީ ސްޓޯރޭޖް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، ވައިން އަދި ކަނޑުގެ ހަކަތައިން ހިންގާ ނިޒާމުތައްވެސް ޕައިލެޓް ކުރެވި، ދިވެހިރާއްޖޭގައި މި ޓެކްނޮލޮޖީތައް ބޭނުންކުރެވިދާނެ މިންވަރު ވަޒަންކުރެވޭނެއެވެ.

މި މަސައްކަތް އިފްތިތާހުކުރުމަށް ކިނބިދޫގައި ބޭއްވި ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ތ. އަތޮޅުގެ 12 ރަށެއްގައި ޤާއިމުކޮށްފައިވަނީ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑްޕަވަރ ސިސްޓަމްތަކެއް ކަމަށެވެ. މި ސިސްޓަމްތަކާއެކު 1.9 މެގަވޮޓުއަވަރގެ ބެޓެރީ ސްޓޯރޭޖު ވަނީ ޤާއިމުކޮށްފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އިފްތިތާޙުކުރެވުނު ސިސްޓަމްތަކާއެކު ރާއްޖޭގައި ޤާއިމުކުރެވިފައިވާ ސިސްޓަމްތަކުގެ މިންވަރަކީ 67.5 މެގަވޮޓުގެ ސޯލާ ޕީވީކަމަށެވެ. ތ. އަތޮޅުގައި ގާއިމް ކުރެވިގެން މި ދިޔަ ސިސްޓަމުތަކުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެޑީސަލް ބޭނުންކުރުން މަދުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަހަރަކުގާތްގަނޑަކަށް 3،300 ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވަށް ދޫކުރާ މިންވަރު މަދުވެގެންދާނެކަމަށް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.

"މި ވަރަށް މުހިންމު މަސެއްކަތެއް ނިމިގެން މިދިޔައީ. މީގެ ސަބަބުން 1.2 މިލިޔަން ލީޓަރުގެ ޑީސަލް ބޭނުންކުރުން މަދުވާނެ. އަދި 3،300 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކުރާ ވަރު މަދުވާނެ" ވަޒީރު ޠާރިގް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފެނަކައިގެން މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މި ނިމިގެން ދިޔައީ ވަރަށް މުހިންމު ޕްރޮޖެކްޓެއްކަމަށެވެ. މި މަސައްކަތުން ހާމަވެގެން ދިޔައީ ޑީސަލް ޖަނަރޭޓަރުތައް ނިންވާލައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ގާބިލްކަން ދިވެހިރާއްޖޭގައި ހުރިކަންކަމަށް މުއާޒް ވިދާޅުވިއެވެ.

"މި މަސައްކަތުގެ ސަބަބުން ފެނަކައިގެ އެއްމިލިޔަން ރުފިޔާ މާކެޓް ރޭޓްއަށް ބަލާކަމުގައި ވާނަމަ ސަލާމަތް ކުރެވިގެން އެބަދޭ ޑީސަލްއަށް ކުރާ ޙަރަދުގެ. މީ ވަރަށް ގިނަ ފައިސާ، މިހާޜުވެސް ފެނަކައިން އަހަރަކު އެއްބިލިޔަން ރުފިޔާ ހަމައެކަނި ޑީސަލް ގަތުމަށް ޙަރަދުކުރޭ" މުއާޒް ވިދާޅިވިއެވެ.

މި 12 ރަށުގައި ޤާއިމު ކުރެވުނު ނިޒާމުތަކަކީ އޭޝިއަންޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ދިވެހި ސަރުކާރުންހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯސަސްޓެއިނަބަލް އެނާރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަތް ދާ މަސައްކަތެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ މީހުންދިރިއުޅޭ 160 ރަށެއްގައި ހުންނަ ޑީސަލް ޕަވަރޖެނެރޭޝަން ސިސްޓަމްތައް ސޯލާ ޕީވީ ހައިބްރިޑްސިސްޓަމްތަކަކަށް ބަދަލުކުރެވޭނެކަމަށެވެ.އެގޮތުން މި މަޝްރޫއުގެ ދަށުންމިހާރު ވަނީ 72 ރަށެއްގެ މަސައްކަތް ނިމިފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ޖުމްލަ 13.4 މެގަވޮޓުގެ ސޯލާ ޕީވީ އާއި 9.8 މެގަވޮޓް އަވަރގެ ބެޓެރީނިޒާމުތައް ޤާއިމުކުރެވިފައިކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.