ޚަބަރު

ނޮޅިވަރަންފަރުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން، ކައުންސިލުން ނައިބު ރައީސާ ޙިއްސާކުރައްވައިފި


ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްސާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް މިއަދުވަނީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުންކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި އަލަށް ހަދާފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާ ކަރަންޓް އަދި ނަރުދަމާގެ ޚިދުމަތް ބޭނުންވާކަމާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން މަގު ހެދުމާއި ސުކޫލުގެ އާ އިމާރާތުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމާއި، މިހާރު ހުރި ޕޮލިސް ސްޓޭޝަން އެހެން އިމާރާތަކަށް ބަދަލުކުރުމާ، އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށާއި ރަށުގެ ބަނދަރުގެ ނެރު ފުންކުރުމާއި، ރަށުގައި ކުނި މެނޭޖުކުރާނެ ގޮތެއްނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސިއްޙީ މަރުކަޒް ޚިދުމަތްތައް ރަނގަޅުކުރުމާއި ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް ފާހަގަ ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ކައުންސިލުގެ މެންބަރުންނަށް ދެއްވާފައެވެ.