ޚަބަރު

ގަވަރުނަރުގެ މަޤާމަށް މުނައްވަރު އައްޔަންކުރުމާމެދު އާއްމުން ދެކޭ ގޮތް ބަލަނީ


  • އޭނާ ވަނީ ކުރިން ފިނޭންސް މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވާފައި

  • ގަވަރުނަރުގެ މަޤާމުގައި ހުންނެވި އަލީ ހާޝިމް ވަނީ މަޤާމުން ވަކިކުރައްވާފައި

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު އައްޔަން ކުރުމާމެދު އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ ހޯމަ ދުވަހުއެވެ. ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ހާޝިމް މަޖިލީހުގެ ލަފާގެ މަތިން ވަކިކުރެއްވުމަށްފަހުއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް މުނައްވަރު އައްޔަން ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައެވެ. އަދި މުނައްވަރުގެ ނަންފުޅު ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީގައި ކުރިއަށްދާއިރު އޭނާއާއި ގުޅޭގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަން މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް މިމަހުގެ 24 ވާ ބުދަ ދުވަހުގެ 14:00 ކުރިން އަންގަވައި ދެއްވުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ އާއްމުކޮށް އިއުލާންކޮށްފައެވެ.

ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު މިހާރު ހުންނެވީ މާލީ ވަޒީރު އެޑްވައިޒަރުގެ ގޮތުގައެވެ. މުނައްވަރު ވަނީ އެމްއެމްއޭގައިވެސް ޚިދުމަތް ކުރައްވާފައެވެ.

ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ.

މި މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުޞަތު 3 ފަހަރެއްގެ މަތިން އަލީ ހާޝިމަށް ދެއްވި ނަމަވެސް މާލިއްޔަތު ކޮމިޓީއަށް އޭނާ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

އެމްއެމްއޭގެ ޤާނޫނުގައިވާ ގޮތުން ގަވަރުނަރު އައްޔަންކުރެއްވުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ. ގަވަރުނަރުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވަނީ ވަޒީރުންގެ ފެންވަރުގައެވެ.