ރާއްޖެއަށް ގަނޑުކޮށް ބޭސް އެތެރެކުރަން ފެށުމާއެކު، އެކި ބަލިތަކަށް ދެވޭ ޒަރޫރީ ބޭސްތައް ލިބުމުގައި ދިމާވާ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ.
ބައެއް ބަލިތަކަށް ބޭނުންވާ ބޭސް ރާއްޖެއިން ލިބޭ މިންވަރު މަދުވުމުގެ ސަބަބުން ބޭސް ހޯދުމުގައި ގިނަ ގޮންޖެހުން ކުރިމަތިވެއެވެ. އެފަދަ ބައެއް ބޭސްތަކަކީ ދާއިމީ ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި ޚާއްސަ ޙާލަތްތަކުގައި ބޭނުންވާ ބޭސްކަން ފާހަގަކުރެވެއެވެ.
މައިގަނޑުގޮތެއްގައި ރާއްޖެއަށް ބޭސް އެތެރެކޮށް ފާމަސީތައް ހިންގައި އެ ވިޔަފާރި ކުރަނީ އަމިއްލަ ވިޔަފާރިތަކުންނެވެ. ރާއްޖެއަށް އެތެރެކުރެވޭ ބޭސްތަކުގެ ލިސްޓެއް ކަނޑައަޅާފައިވާއިރު ބޭސް އެތެރެކުރަނީ ޢާއްމުގޮތެއްގައި ބޭނުންވާ ނިސްބަތަށް ބަލައިގެން މަދު މިންވަރަކަށެވެ. ބޭހުގެ އަގު ބޮޑުވާ މައިގަނޑު އެއް ސަބަބަކީވެސް މިއީކަމަށް މިދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. ބޭހާއި ގުޅޭގޮތުން ޢާއްމުންގެ ޝަކުވާތައް ހުރިއިރު އެކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މިހާރުވަނީ ޔޫރަޕުން ކޮލިޓީ ބޭސް އެތެރެކުރުމަށް ނިންމާ އެކަން ތަންފީޒުކުރަން ފައްޓަވާފައެވެ.
މިގޮތުން ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭގެ ސީނިއާ ފަރމަސިސްޓް ޢައިޝަތު ޖަލީލާ ވިދާޅުވީ، ވަރަށް ކްރިޓިކަލް ޙާލަތްތަކުގައި ބޭނުންވާ މުހިއްމު ބޭސްތައް ރާއްޖޭގައި ލިބެން ނުހުންނަކަމަށެވެ.
"ރާއްޖެއަށް ޢާއްމުގޮތެއްގައި އަހަރެއްގެ މައްޗަށް މިފަދަ ޒަރޫރީ ބޭސްތައް އެތެރެ މިކުރަނީ 400 ޑޯޒް ނުވަތަ 500 ޑޯޒް، މިއީ ފަރމަސޫޓިކަލް ކުންފުނިތަކުން ދޫކުރާ މިންވަރެއް ނޫން" ޖަލީލާ ވިދާޅުވިއެވެ
ޖަލީލާ ވިދާޅުވީ އެގޮތަށް ދިމާވަނީ ޢާއްމުގޮތެއްގައި އެފަދަ ބޭސްތައް ރާއްޖެއަށް ބޭނުންވަނީ މަދު މިންވަރަކަށްކަމުން، އެމިންވަރަށް ބޭސްތައް ކުންފުނިތަކުން ފޯރުކޮށް ނުދެވޭތީކަމަށެވެ. އެހެންކަމުން އަލަށް މިގެނެވުނު ބަދަލާއެކު ޔޫއެންޑީޕީ މެދުވެރިކޮށް މިފަދަ ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.
"މިހާރު މިގެނެވުނު ބަދަލާއެކު އަޅުގަނޑުމެނަށް ޔޫއެންޑީޕީ މެދުވެރިކޮށް ޕޫލްކޮށް ބޭސް އެބަ އެތެރެކުރެވޭ. އޭރުން އެހެން ޤައުމުތަކުން މިބޭސް އޯޑަރކުރާއިރު ރާއްޖެއަށްވެސް ކުޑަ މިންވަރެއް ލިބޭނެ ގޮތް އެބަ ހަމަޖެހިގެންދޭ" ޖަލީލާ ވިދާޅުވިއެވެ.
ރާއްޖޭގައި ޢާއްމުކޮށް ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭހާއި ވެކްސިންތަކަކީ ދިގުމުއްދަތަކަށް ނުބެހެއްޓޭ އަދި ބޮޑު ޑޯޒެއް ބޭނުން ނުވާ ފަދަ ބޭސްތައްކަން ފާހަގަކޮށްލެވެއެވެ. މިހާރުވެސް އެސްޓީއޯ މެދުވެރިކޮށް މިފަދަ ބޭސްތައް ފޯރުކޮށް ދިނުމުގެ ޚިދުމަތް ކުރިނަމަވެސް ބޭހާއި އެފަދަ ވެކްސިންތައް ބޭނުންވާ މިންވަރު މަދުވުމުގެ ސަބަބުން ބޭސް ހޯދުމުގައި އެތައް ތަކުލީފެއް ބަލިމީހާއަށް އުފުލަންޖެހެއެވެ.
އަދި ރާއްޖެއަށް މިފަދަ ޒަރޫރީ ބޭސްތައް އެތެރެކުރާއިރު ދުނިޔޭގެ ބާޒާރަށްވުރެ އެތައް ގުނައެއް އަގު ބޮޑުކޮށް ހޯދަންޖެހޭކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ޔޫރަޕް ކޮލިޓީގެ ބޭސްތައް ޔޫއެންޑީޕީ މެދުވެރިކޮށް ލިބެން ފެށުމާއެކު މިކަމަށް ޙައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.