ޚަބަރު

ބޭހުގެ މާއްދާތަކެއް އެކުލެވޭތީ 2 ބްރޭންޑެއްގެ މާމުއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި


  • ބޭހުގެ މާއްދާއެއްކަމަށްވާ "ޓަޑަލަފިލް" އަދި "ސިލްޑެނަފިލް" ހިމެނޭކަން ފާހަގަކުރެވިފައިވޭ

  • 2 ބްރޭންޑަކީ އިތުމެކްސް ރޯޔަލް ހަނީ ފޮރ ހިމް އަދި ބްލެކް ހޯސް ވައިޓަލް ހަނީ

ބޭހުގެ މާއްދާތަކެއް އެކުލެވޭތީ 2 ބްރޭންޑެއްގެ މާމުއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއަށް ބުނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވިއްކަމުންދާ މާމުއިގައި ބޭހުގެ މާއްދާއެއްކަމަށްވާ "ޓަޑަލަފިލް" އަދި "ސިލްޑެނަފިލް" ހިމެނޭކަން ފާހަގަކުރެވިފައިވާކަމަށެވެ.

ބޭހުގެ އަސަރު އެކުލެވިގެންވަނީ އިތުމެކްސް ރޯޔަލް ހަނީ ފޮރ ހިމް އަދި ބްލެކް ހޯސް ވައިޓަލް ހަނީ ނަމަކަށް ކިޔާ ބްރޭންޑުގެ މާމުއީގައި ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

މިކަމާއި ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓްމްބަރ 12 ވަނަ ދުވަހުވެސް އެ އޮތޯރިޓީއިން ވަނީ އާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ. މިފަދަ އުފެއްދުންތަކަކީ ޔޫއެސް އެފްޑީއޭއިންވެސް ރައްކާތެރި ނޫން ކަމަށް ފާޙަގަކޮށްފައިވާ އުފެއްދުންތަކެކެވެ.

އެމްއެފްޑީއޭއިން ބުނީ ޑޮކްޓަރީބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައު ފުރާނައަށް ނުރައްކާވެފާނެ ފަދަ ކަމެއްކަމަށެވެ. އެހެންކަމުން މިފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓްކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައި އެމްއެފްޑީއޭއިން ހާމަކުރެއެވެ.

މިކަމާބެހޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅުމަށް ވަނީ އެދިފައެވެ.