ޚަބަރު

ޢަމާޒަކީ ވަށައިޖެހޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމްކުރުން: ވަޒީރު ޢާއިޝަތު ޝިހާމް


  • ރާއްޖޭގައި ދޮށީ ޢުމުރުގެ ޢާބާދީ ދަނީ އިތުރުވަމުން

  • ދޮށީ އުމުރު އާބާދީއަކަށް މިސްރާބު ޖެހުމުން ގޮންޖެހުންތަކެއް އެބަހުރި

  • ދުރާލާ މަސައްކަތް ކުރެވިއްޖެނަމަ އިޖްތިމާޢީ އިޤްތިޞާދީ މަސައްކަތް އައު މިސްރާބަކަށް ގެންދެވޭނެ

ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ފުރިހަމަ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމްކުރުންކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ "ދަ މޯލްޑިވްސް ފައިނޭންސް ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުރުނބާ މޯލްޑިވްސްގައި މިއަހަރު ކުރިއަށް ގެންދާ ފައިނޭންސް ފޯރަމުގެ ޝިޢާރަކީ "ދެހެއްޓެނިވި ޕެންޝަނުގެ ނިޒާމް" އެވެ. މިއަހަރުގެ ފޯރަމުގައި 150 ފަރާތެއް ބައިވެރިވެއެވެ.

ފައިނޭންސް ފޯރަމް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ދޮށީ އުމުރުގެ އާބާދީއަކަށް ދިވެހި ރާއްޖެ މިސްރާބު ޖަހާފައިވާއިރު އެއީ ކުރިއެރުންތަކާއެކު ގޮންޖެހުންތަކެއް ހުރި ކަމެއްކަމަށެވެ. ވުމާއެކު މިހާރުންސުރެ ދުރާލާ މިކަމަށް ތައްޔާރުވެވިއްޖެނަމަ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަސައްކަތް އައު މިސްރާބަކަށް ގެންދިއުމަށް ފުރުސަތު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އިސްރައްވެހިން ހިމެނޭހެން ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން އިންސާފުވެރި، ދެމެހެއްޓެނިވި އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ގޮތަށް ފުރިހަމަ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ޤާޢިމް ކުރަން ޖެހޭކަމަށެވެ. އަދި މި ނިޒާމަކީ ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައި ތިބި ރައްޔިތުންނަށް ދިމާވާ އިޖްތިމާޢީ އަދި ޤުދުރަތީ ކާރިސާތަކުން ރައްކާތެރިކޮށްދޭނެ ފުރިހަމަ ނިޒާމަކަށް ވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނަޒަރުގައި، ފުރިހަމަ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއްގެ އަސާސްތަކަކީ، ދިވެހި ރާއްޖޭގެ ހާލަތައް ފެތޭ، ހުރިހާ އުމުރުފުރާތަކަށް އަމާޒުކުރެވިގެން ދިރިއުޅުމުގެ ހުރިހާ މަރުހަލާތަކެއްގައި ފަޤީރުކަމާއި ނާޒުކު ހާލަތާއި އަދި އިޖްތިމާޢީ ގޮތުން ހަވާސާ ވެދާނެ ފަރާތްތައް މަދުކުރެވޭނެ ނިޒާމަކަށްވުން. އަދި އެފަދަ ހާލަތްތަކުގައި ތިބި ފަރާތްތައް އެހާލާތުން އަރައިގަނެވޭނެ ގޮތްތައް މަގުފަހިކޮށްދޭނެ ސިޔާސަތުތަކާއި، އަދި ދައުލަތުން ފޯރުކޮށްދޭ ނުވަތަ އަމިއްލަ އެދިގެން ބައިވެރިވެވޭ ގޮތަށް ރޭވިފައިވާ ޕްރޮގްރާމްތަކެއް ހިމެނޭ ނިޒާމަކަށް މި ނިޒާމުވުން. " ވަޒީރު ވިދާޅުވިއެވެ.

ޕެންޝަނުގެ ނިޒާމަކީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެއް ބަހާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވި މިފަދަ ނިޒާމެއް އެކުލަވާލުމަށް މިހާރު ފްރޭމް ވޯކް ތައްޔާރުކުވިފައިވާކަމަށާއި، މި ފޯރަމުގެ ތެރެއިން މިފަދަ ނިޒާމެއް ހަރުދަނާ ކުރުމަށް ރަނގަޅު ޚިޔާލުތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތީ މިމަސައްކަތުގެ މަސްލަހަތު ހިމެނޭ ފަރާތްތަކާއި ގުޅިގެން ނިޒާމު އެކުލަވާލުމަށް މަސައްކަތް ކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އަހަރުގެ ފޯރަމުގެ ތެރެއިން ޕެންޝަނާއި އިޖްތިމާޢި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދޮށީ އުމުރުގު އާބާދީއަކަށް ރާއްޖެ ދާއިރު އެކަމުގެ ސަބަބުން އިޤްތިޞާދައް ކުރާނެ އަސާރާއި ގުޅޭގޮތުން ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދާނެއެވެ.

ފައިނޭންސް ފޯރަމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ މާލީ އަދި އިޖްތިމާޢީ ދާއިރާގެ ގިނަ މައްސަލަލަތަކާއި މެދު މަޝްވަރާކޮށް ދާއިރާގެ ފަންނީ ތަޖުރިބާކާރުން ޚިޔާލުބަދަލުކުރުމަށް އެއް މަންސައެއްއެއްގެ ތެރެއިން ފުރުސަތު ފަހިކޮށްދިނުމެވެ. މިއަހަރުގެ ފޯރަމް ފަށްޓަވައި ދެއްވާ ކީ ނޯޓް ސްޕީޗް ދެއްވީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. މީގެ އިތުރުން ދެމެހެއްޓެނި ޕެންޝަން ނިޒާމަކާއި ގުޅޭ ގޮތުން ވޯލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް ރޮބާޓް ޕެލާޝިއޯސްވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވައެވެ.