ޚަބަރު

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ރައީސް ޖޯ ބައިޑަން ނިންމަވައިފި


  • ބައިޑަންވަނީ ކަމަލާ ހެރިސް ޑިމޮކްރެޓްސްގެ ފަރާތުން އެންޑޯޒްކުރައްވާފައި

  • ރިޔާސީ ރޭހުން ދުރަށްވަޑައިގަތީ ރައީސްކަމުގެ ޒިންމާތައް އަދާކުރެއްވުމަށްކަމަށް ވިދާޅުވެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އެޤައުމުގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ.

ބައިޑަން ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވީ، ރައީސްކަމުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ މުހިއްމު ކަންކަމަށް އިސްކަންދެއްވުމުގެ ގޮތުންކަމަށެވެ. މިޕޯސްޓުގައި ބައިޑަން ވިދާޅުވެފައިވަނީ އޭނާ 2020 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ނުކުންނެވި އިރު އަރިހުގައި ނައިބު ރައީސެއްގެގޮތުގައި ކަމަލާ ހެރިސް ބައިވެރިކުރެއްވުމަށް ނިންމެވި ނިންމެވުމަކީ، މިރޭހުގައި ނިންމެވި އެންމެ ފުރަތަމަ އަދި މިހާތަނަށް ނިންމެވި އެންމެ ރަނގަޅު ނިންމެވުންކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ފަރާތުން ޕާޓީ ތަމްސީލުކުރެއްވުމަށް ޕާޓީގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން ކަމަލާ އެންޑޯސްކުރައްވާ އެކަމަށް ފުރިހަމައަށް ތާޢީދުކުރައްވާކަންވެސް ބައިޑަންވަނީ ހާމަކުރައްވާފައެވެ.

އަދި މިއީ އެއް ރޫޙެއްގައި ނިކުމެ ރިޔާސީ ރޭހުގެ އިދިކޮޅުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ބަލިކުރުމަށް މަސައްކަތްކުރަންޖެހޭ ދަނޑިވަޅުކަމަށާއި އެކަމަށްޓަކައި އެންމެން އެކަތިގަނޑަކަށްވުމަށް ބައިޑަންވަނީ ޕާޓީގެ ހުރިހާ މީހުންނަށް ގޮވާލައްވާފައެވެ.

81 އަހަރުގެ ޖޯ ބައިޑަން ރިޔާސީ ރޭހުން ދުރަށް ވަޑައިގަންނެވިކަން ހާމަކުރެއްވިއިރު އިންތިޚާބުގެ ކެމްޕޭންގައި އުޅުއްވަނިކޮށް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ބައިޑަން ވަނީ އެކަހެރި ވެވަޑައިގަންނަވާފައެވެ.

ދާދި ފަހުން ބޭއްވި ރިޔާސީ ބަހުސެއްގައި ބައިޑަންއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ރިޔާސީ ޓިކެޓް ދޫކޮށްލަން ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް މެންބަރުން ދަނީ ގޮވާލައްވަމުންނެވެ. އަދި, ބައިޑަނަށް ވުރެ ޒުވާން ކެނޑިޑޭޓަކަށް ފުރުޞަތު ދިނުމަށް ގޮވާލާ އަޑުތައްވެސްވަނީ ގަދަވެފައެވެ.

ދާދި ފަހުން ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ނެގި ޚިޔާލު ހޯދުމުގެ ވޯޓެއްގެ ބައިވެރިންގެ ތެރެއިން ޑިމޮކްރެޓިކް ޕާޓީގައި ރަޖިސްޓަރީ ކޮށްފައިވާ މެންބަރުންގެ 40 އިންސައްތަ މީހުންގެ އެދުމަކީވެސް ބައިޑަން ރިޔާސީ ރޭހާއި ދުރަށް ވަޑައިގަތުމެވެ. ވޯޓުގައި ބައިވެރިވި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން 58 އިންސައްތަ މީހުން ދެކޭ ގޮތުގައި ރިޔާސީ ރޭހަށް ކުރިމަތިލައްވަން ބައިޑަންގެ އުމުރު މާ ދޮށިވެއްޖެއެވެ. އަދި, އެއްވެސް ޕާޓީއަކަށް ތާޢީދު ނުކުރާ ވޯޓުލާ މީހުންގެ ތެރެއިން 65 އިންސައްތަ މީހުންވެސް އެކަމާ އެއްބަސްވެއެވެ.