ޚަބަރު

ކާނާވިހަވެގެން އައިސީޔޫގައި ފަރުވާދިން ދެ ދަރިވަރުން ވޯޑަށް ބަދަލުކޮށްފި


  • 32 ދަރިވަރަކަށް ފަރުވާދިން

  • 2 ކުދިން ފިޔަވާ އެހެން ކުދިން ވަނީ ދޫކޮށްލާފައި

ކާނާ ވިހަވެ ހާލު ސީރިއަސްވުމާއި ގުޅިގެން އައްޑޫ އެކުއެޓޮރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުން ވޯޑަށް ބަދަލުކޮށްފިއެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ނުވަތަ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން ފަރުވާދިންއިރު، އޭގެތެރެއިން 2 ދަރިވަރުން ފިޔަވާ އެންމެން ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ.

އެ ދެ ދަރިވަރުންނަށް އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ ދެ ދަރިވަރުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން ވަނީ އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ގިނަ ދަރިވަރުންނަށް ދަރުވާދޭން ފެށީ އެރޭގެ ރޭގަނޑުގެ ކެއުމަށްފަހު ކާނާ ވިހަވެގެންނެވެ.

ޕޮލިސް ކޮލެޖުގައި 100 އަށްވުރެ ދަރިވަރުން ތަޢުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދެއެވެ.