ޚަބަރު

ސިޔާސީ ޕާޓީތަކުން ލާމަރުކަޒީ ނިޒާމާމެދު ދެކޭގޮތް ބެލުމަށް މަޝްވަރާތަކެއް ކުރިއަށް ގެންދަނީ


  • އުންސިލަރުންގެ ޢަދަދު މަދުކުރަން ރައީސް ނިންމި ނިންމުމަށް ތާޢީދުކުރެއްވި

  • ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރާނެ

ސިޔާސީ ޕާޓީތަކުން ލާމަރުކަޒީ ނިޒާމާމެދު ދެކޭގޮތުގެ މަޢުލޫމާތު ހޯދުމަށް މަޝްވަރާތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ކައުންސިލަރުންގެ ޢަދަދު މަދުކޮށްގެންވެސް ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވިދާނެކަމަށް ވިދާޅުވެ، ލާމަރުކަޒީ ނިޒާމަށް ގެނަން ފެނިވަޑައިގަންނަވާ ބަދަލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު މިހާރު ތަންފީޒްވެފައި އޮތީ ވަރަށް ބޮޑު އަދި ބުރަހެލިކޮށްކަމަށެވެ. ކައުންސިލްތަކުގެ ސައިޒު ބޮޑުވެ އެންމެ ރަނގަޅަށް އެ ނިޒާމު ނުހިނގާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލަރުން އިންތިޚާބުކުރެވި ކައުންސިލްތައް އެކުލެވޭގޮތަށް ބަދަލުތަކެއް ގެނަންޖެހޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ނަޒަރުގައި ކައުންސިލަރުންގެ ޢަދަދަށް ގެނެވިދާނެ ބަދަލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ތިން ހާހަށްވުރެ މަދު އާބާދީތަކަށް 3 ކައުންސިލަރުން އިންތިޚާބުކުރުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ ކައުންސިލްގެ ރައީސްގެ އިތުރުން އަންހެނުންގެ ފަރާތުން އިންތިޚާބުކުރާ މީހަކާއި، ޒުވާނުންގެ ފަރާތުން އިންތިޚާބުކުރާ މީހެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ތިންހާހާ ދިހަހާހާ ދެމެދު އާބާދީއެއްނަމަ 5 ކައުންސިލަރުން އައްޔަންކުރުމަށާއި،
މިހާރަށްވުރެ ކައުންސިލަރުންގެ ޢަދަދު ގިނަ ނުވާނެހެން ސިޓީތަކަށްވެސް ކައުންސިލަރުން އިންތިޚާބުކުރެވިދާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައިސްގެ އެ ވާހަކަފުޅަށް ތާޢީދުކުރައްވާ އެލްޖީއޭގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ވިދާޅުވީ ކައުންސިލްތަކާއި ލާމަރުކަޒީ ޤާނޫނަށް އަންނާނެ ބަދަލުތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހިއްސާ ކުރެއްވި ފޯމިއުލާއަކީ ލާމަރުކަޒީ ނިޒާމަށް އެންމެ ރަނގަޅު ފޯމިއުލާކަމަށްވެސް ޒުލްފާ ވިދާޅުވިއެވެ.

"ރައީސްގެ ވިދާޅުވީ ވިދާޅުވުމަކީ ރަނގަޅު ނިންމުމެއްކަމަށް ތަޖުރިބާއަށް ބަލާއިރު ފެނިގެންދޭ. ޤާނޫނުގައި ބުނާ ޚިދުމަތް ދިނުމުގައި އެފިޝަންޓްކޮށް ހަރަކާތްތެރިވާ ތަން ނުފެނޭ. ސައިޒް އެއީ އެހާ މުހިންމު އެއްޗެއް ނޫން. ނަތީޖާ ނެރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ބަލަންޖެހޭ." ޑރ. ޒުލްފާ ވިދާޅުވިއެވެ.

ޑރ. ޒުލްފާ ވިދާޅުވީ އަބަދުވެސް ބުނަމުން ގެންދަނީ ލާމަރުކަޒީ ނިޒާމަކީ ސިޔާސީ ޕާޓީތަކުން ބަލައިގެންފައިވާ ނިޒާމެއް ކަމަށާއި، އެހެންކަމުން ޕާޓީތަކުން ދެކޭ ގޮތް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމު ބައްޓަން ކުރުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ދެކެނީ ކިހިނެއްތޯ މަޝްވަރާކުރުމަށް ނިންމާފައިވާކަމަށްވެސް ޒުލްފާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެކުރިން ދިރާސާތަކެއް ހަދަމުން އަންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ލާމަރުކަޒީ ނިޒާމު ރާއްޖޭޣައި ފަށާގަނެ އެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިއިރުވެސް، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އާއެކު ރާއްޖެއިން މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާ ޑރ. ޒުލްފާ ވިދާޅުވީ ލާމަރުކަޒީ ޤާނޫނީ ބަދަލުތައް އަންނަން އުޅޭއިރު އައި.އާރު.އައި އާއެކުވެސް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިންޓަރނޭޝަނަލް ޕާޓްނަރެއް އެއީ ޔުއެސް އެއިޑްއާ ގުޅިފައި އޮންނަ އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އެބޭފުޅުންގެ މައިގަނޑު މަޤްސަދަކީ ޤައުމުތަކުގައި ޑިމޮކްރޮޓިކް ކަންތައްތައް ކުރިއަށްދާ މިންވަރަށް އެހީތެރިކަން ފޯރުކޮށްދިނުން." ޑރ. ޒުލްފާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާވެސް މަޝްވަރާކުރައްވާނެކަމަށް އެލްޖީއޭގެ ސީއީއޯ މަރްޔަމް ޒުލްފާ ވިދާޅުވިއެވެ.