ޚަބަރު

ރާއްޖޭގައި ހުރި އިންވެސްޓުމަންޓުގެ މަޢުލޫމާތު ޓިއަންޔިންގ ކުންފުންޏާ ހިއްސާކޮށްފި


  • ޗައިނާގެ ޓިއަންޔިންގ އިންކް، ސީއެންޓީވައި، ކުންފުންޏާއި ވަނީ ބައްދަލުކޮށްފައި

  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތައްވަނީ ހިއްސާކޮށްފައި

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓުމަންޓުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ޗައިނާގެ ޓިއަންޔިންގ އިންކް، ސީއެންޓީވައި، ކުންފުންޏާއި ހިއްސާކޮށްފިއެވެ. މި މައުލޫމާތު އެކުންފުންޏާއި ހިއްސާކޮށްފައިވަނީ ރާއްޖޭގެ 3 ވަޒީރަކު މިހާރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެތެރެއިންނެވެ.

މިމަހުގެ 20 އިން 24 އަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ގެންދަވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރުން ވަނީ ޗައިނާގެ ޓިއަންޔިންގ އިންކް، ސީއެންޓީވައި، ކުންފުނީގެ ޗެއަރމަން ޑރ. ޔަން ގެންގްޖުން އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައިވަނީ ކުނި މެނޭޖްކުރުމާއި، ރަށްރަށުގައި ކުރިއަށްދާ އުމްރާނީ ހިދުމަތްތަކުގެ މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާކޮށް، މިފަދަ މަޝްރޫޢުތަކާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އަންނާނެ ކުރިއެރުންތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި މީގެއިތުރުން އިއާދަކުރަނިވި ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައިވަނީ މަޝްވަރާކުރައްވާފައެވެ.


ޗައިނާ ޓިޔަންޔިން އިންކް، ސީއެންޓީވައި އާއެކު ރާއްޖެއިން މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން 2 އަހަރު ދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ޗައިނާ ޓިޔަންޔިން އިންކް (ސީއެންޓީވައި) އާއެކު އެމްއޯޔޫއެއްގައި ވަނީ މިއަހަރުގެ މާޗުމަހު ސޮއިކޮށްފައެވެ.

ތިމާވެށްޓާއި ބެހޭ ވުޒާރާއިން އޭރު ވިދާޅުވެފައިވަނީ، މި އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސީއެންޓީވައިއިން އެ ކުންފުނީގެ ސިނާޢީ އަދި ޓެކްނޮލޮޖީ ގާބިލުކަން ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް އެހީވުމަށްވެސް ނިންމާފައިވާކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ތިން ވަޒީރުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ ޗައިނާގެ ގިނަ ކުންފުނިތަކަކާ މި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި ވަޒީރުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް، ބައިވެރިވެ ވަޑައިގަންނަވައެވެ.