ޚަބަރު

ޚަރަދު ކުޑަކުރުމަށް މިފްކޯގެ ސިނީއަރ މެނޭޖްމަންޓުގެ މުސާރަތައް ކުޑަކުރަނީ


  • މިފްކޯގެ ބޯޑުން މި ބަދަލުތައް ގެންނަން ނިންމާފައިވާކަން މުވައްޒަފުންނަށް އަންގައިފައި

  • ކުންފުނީގެ ވެރިންގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުން

  • ޕާފޯމަންސްއަށް ބަލާ އުސޫލުތަކާއި އެއްގޮތަށް ވަޒީފާއިން ވަކި ކުރުން

މިފްކޯގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް ސިނީއަރ މެނޭޖްމަންޓުގެ މުސާރަތައް ކުޑަކުރުމަށް ނިންމައިފިއެވެ.

މިފްކޯގެ ބޯޑުން މި ބަދަލުތައް ގެންނަން ނިންމާފައިވާކަން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މެމޯއަކުން ވަނީ އަންގައިފައެވެ.

މި މެމޯގައި ބުނެފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އަދި މިފްކޯ ގުޅިގެން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް (ރައިޓް ސައިޒްކުރުމަށް) ކުރިއަށް ގެންދާ "މިފްކޯ އެފިޝިއަންސީ އެކްސައިޒް"ގެ ދަށުން މުވައްޒަފުންނާގުޅޭ ކަންކަން ކުރުމަށް ޖުލައި 17 ވަނަ ދުވަހު ބޭއްވި މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މެމޯގައި ހިމެނޭ ކަންތައްތައް:

• ކުންފުނީގެ ސީނިއަރ އަދި މިޑްލް މެނޭޖްމަންޓުގެ ވެރިންގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުން، މީގެތެރޭގައި ސީ.އީ.އޯ އިން ފެށިގެން ސީނިއަރ މެނޭޖަރ ރޭންކުގައި ތިބި ފަރާތްތައް ހިމެނުން
• މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމުގެ ގޮތުން ހުރިހާ ޑިޕާޓްމަންޓްތަކެއްގެ މުސާރައިގެ އޮނިގަނޑު އެއް ހަމަކުރުން
• މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ޕާފޯމަންސްއަށް ބަލާ ވަޒީފާއިން ވަކި ކުރަންޖެހޭ މުވައްޒަފުން އުސޫލުތަކާއި އެއްގޮތަށް ވަޒީފާއިން ވަކި ކުރުން
• ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ޕަރފޯމަންސަށް ބެލުމަށްފަހު ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކުރުން
• މިހާރު ދެމުންދާ އެލަވަންސްތައް މުރާޖާކުރުން، އެގޮތުން ޑެޕިއުޓީ ހެޑް އެލަވަންސް އާއި، އިންޖީނިއަރިން އެލަވަންސާއި، ކޭން ޕްރޮޑަކްޝަން އެލަވަންސާއި، ރިސްކް އެލަވަންސާއި، ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުން
• އިތުރު ގަޑީގައި މަސައްކަތްކުރަން ކޮންމެހެން ޖެހޭ ފަރާތްތައް ފިޔަވާ އިތުރުގަޑީގައި މަސައްކަތް ނުކުރުން ހިމެނެއެވެ.

މިފްކޯއިން ވިދާޅުވީ، އެލަވަންސްތަކަކީ އޭގެ އެންމެ ޙައްޤުވެރި މުވައްޒަފުންނަށް ލިބެން ޖެހޭ އެއްޗެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އެލަވަންސް ދިނުމަށް މި ގެނެވޭ ބަދަލުތަކާއެކު އެކަން ހާސިލްކުރެވިގެންދާނެކަމަށް އެކުންފުނިން ދެކެއެވެ.