ޚަބަރު

ފުވައްމުލަކާއި އައްޑޫގެ ނޫސްވެރިންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމެއް ފަށައިފި


  • މިއީ 2 ދުވަހުގެ މުއްތަކަށް ކުރިއަށްދާ ޕްރޮގްރާމެއް

  • ނޫސްވެރިކަމާގުޅުން ހުރި މުހިންމު މަޢުލޫމާތުތަކެއް ދެވޭނެ

  • އައްޑުއާއި ފުވައްމުލަކުން 40 ފަރާތަކުން ބައިވެރިވި

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޫސްވެރިންނާއި، މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން "ހޭލުންތެރި މީޑިއާ" ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

‎މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ފުވައްމުލަކު ސިޓީގައި މިމަހު 19 އިން 20 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޓްރެއިނިން ޕްރޮގްރާމްގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީން 40 ބައިވެރިން ބައިވެރިވެފައިވެއެވެ.

‎މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ނޫސްވެރިކަމުގައި އުޅޭ އަދި ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ފަރާތްތައް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން ދޮގު ޚަބަރު ފެތުރުމުން ލިބޭ ގެއްލުމާއި، ނޫސްވެރިންނަށް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ޙަބަރު ގެނެސްދިނުމަށް މައުލޫމާތުދެވޭނެއެވެ.

‎މި ޕްރޮގްރާމްގައި ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާ މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޙްލާޤު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްޤީގައި ނޫސްވެރިންގެ ދައުރު، ތަޙްޤީޤީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ފުރުޞަތުތައް އަދި ފޭކް ނިއުސް އެންޑް ޝޮލިއުޝަން ޖާރނަލިޒަމް ހިމެނެއެވެ.

‎މި ސެޝަންތައް ނަންގަވާ ދެއްވަނީ އަލީ ޝައްމާން، އަބްދުއްލަތީފު އަހުމަދު، އަހުމަދު ނާއިފު، މުޙައްމަދު ނަޒީފު، ޝަމްއާން ޝާކިރު، އަމާނުالله ރަޝީދު، އަޝްރަފު ޢަލީ އަދި ޑރ އިބްރާމް ސަމީރެވެ.