ޚަބަރު

ލާމަރުކަޒީ ޤާނޫނު އިސްލާހުކުރުމަށް ބޭނުންވާ އިލްމީ ދިރާސާގެ ނަތީޖާ އަންނަމަހު ލިބޭނެ: ވަޒީރު


  • ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭކަން ވަޒީރު ފާހަގަކުރެއްވި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ބޭނުންވާ ދިރާސާގެ ނަތިޖާ އަންނަ މަހު ލިބުމުން ރައްޔިތުންގެ މަޝްވަރާއަށް ހުޅުވާލާނެކަމަށް އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

"ނާރެސް" ޕޯޓަލް އިފްތިތާހްކޮށް އޮޕަރޭޝަން "ކުރަނގި"ގެ ދެވަނަ ފިޔަވަހި ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ. އަދި ކައުންސިލްތަކަކީ ރައްޔިތުން އެދޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭ އަދި ރައްޔިތުން ބަލައިގަންނަ އިދާރާތަކަށް ހެދުމުގެ މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ.

އެގޮތުން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިހާރު ކުރިއަށްގެންދާ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ގުޅޭ ދިރާސާގެ ނަތީޖާ އަންނަ މަހުގެ މެދު ތެރޭގައި ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ދިރާސާގެ އަލީގައި ކައުންސިލްތަކާއި ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން މި މަސައްކަތުގެ މަޝްވަރާއަށް ރައްޔިތުންނަށް ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދައުލަތުގެ މުއައްސަސާތަކުން ކައުންސިލަށް ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް ކުރުމަކީ އެއީ ކައުންސިލިތްތަކުން ކުރަން ޖެހޭ ކަމެއް. އެ ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ލިބިގެން ކުރެވިގެންދާއިރު އެކަންކަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުން ކުރަމުން އަންނަ މަސައްކަތްތަކެއް." އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި މިއަދުވެސް ވަރަށް މުހިންމު ހެޔޮ ބަދަލުތަކެއް މި ނިޒާމަށް ގެނެސްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންއިރު، ކައުންސިލްތައް ހަތަރު ވަނަ ދަރަޖައިގައި އޮތްނަމަވެސް މިހާރު ކައުންސިލްތަކުގެ ދަރަޖަ ތިނަކަށް ބަދަލުކޮށްފައިވާކަމަށެވެ.

ޕީ.އެސް.އައި.ޕީގެ ދަށުން އިމާރާތް ކުރުމަށް 55 ކައުންސިލް ހަމަޖެހިފައިވާއިރު، އޭގެ އިތުރުން 50 ކައުންސިލް އިމާރާތް ކުރުމަށް ނިންމެވުމަކީ ރާއްޖޭގެ ކައުންސިލްތަކުގައި ރަގަނޅު މާހައުލެއް ޤާއިމްކޮށް ކައުންސިލްތަކުގެ ޚިދުމަތް ރަނގަޅު ކުރުމަށް ވިސްނުން ހުރިކަން ހާމަވާކަމެއްކަން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިއަދު ހިނގަމުންދާ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކޮށް މާލީ ގޮތުން އެތަންތަން ހަރުދަނާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަށް ރައީސް ވެވަޑައިގަންނަވާނެ ކަމަށެވެ.