ޚަބަރު

އިންވެސްޓްމަންޓްތައް އިތުރުކުރުމާގުޅޭގޮތުން ޕެރޫއާއެކު މަޝްވަރާކުރައްވައިފި


  • ޕެރޫއިން ކަނޑައެޅުއްވި އައު ސަފީރު ވަނީ މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވާފައި

  • އެކްސްޕޯޓާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ވަނީ މަޝްވަރާކޮށްފައި

ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާގުޅޭގޮތުން ދިވެހިރާއްޖެއިން ޕެރޫއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ޕެރޫ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހާވިއެރ މެނުއެލް ޕައުލިނިކް ވެލަރޑެ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޕެރޫގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ދެ ޤައުމުގެ އެކްސްޕޯޓާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖެއާއި ޕެރޫއަކީ ގްލޯބަލް ސައުތަށް ނިސްބަތްވާ ދެ ޤައުމު ކަމުގައިވާތީ، ޕެރޫއާ ގުޅިގެން އިތުރު މަސައްކަތްތައް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

ދިވެހިރާއްޖެއާ ޕެރޫއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1989 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހުއެވެ.

ޕެރޫ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޕެރޫ ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީގައެވެ.