ޚަބަރު

ކުރީ ދައުރުގައި ވަޢުދުވީ ހޮސްޕިޓަލްތައް އެއަށްވުރެ ހެޔޮއަގުގައި މިސަރުކާރުން ތަރައްޤީކުރާނެ: ވަޒީރު


  • ކުރީ ސަރުކާރުން ޞިއްޙީ ދާއިރާއިން އެކަނިވެސް 57 މަޝްރޫޢު އެވޯޑުކޮށްފައިވޭ

  • މީގެތެރެއިން 30 މަޝްރޫޢުވަނީ ހުއްޓިފައި

  • މިސަރުކާރުން ކުރި މަސައްކަތުން 20 މަޝްރޫޢު މިހާރު އަލުން ފެށިގެން ކުރިއަށްއެބަދޭ

ކުރީ ސަރުކާރުން ވަޢުދުވީ ހޮސްޕިޓަލްތައް އެއަށްވުރެ އަގުހެޔޮކޮށް މިސަރުކާރުން އެންމެ ފުރިހަމަ ޚިދުމަތާއެކު ތަރައްޤީކުރާނެ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ނިމިދިޔަ ދައުރުގައި ނުބައްދަލު އަގުތަކުގައި މަޝްރޫޢުތައް އިޢުލާންކޮށް ހަވާލުކޮށްފައިވާކަމަށެވެ.

ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ ކުރީ ސަރުކާރު ނިމިގެން ދިޔައިރު ޞިއްޙީ ދާއިރާއިން ބަޖެޓް ނެތް އެތައް މަޝްރޫޢެއް ފެށުމަށް ވަޢުދުވެފައިވާކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ގާތްކޮށް މިފަދަ މަޝްރޫޢުތައް ޢިއުލާންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ނިމިދިޔަ ދައުރުގެ ތެރޭގައި ޞިއްޙީ ދާއިރާއިން އެކަނިވެސް 57 މަޝްރޫޢު އެވޯޑުކޮށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މީގެ ތެރެއިން އެކި ސަބަބުތަކާ ހެދި 30 މަޝްރޫޢު ކުރިއަށް ނުގޮސް ހުއްޓިފައިވާކަމަށެވެ. އަދި މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މިވީ މުއްދަތުގެ ތެރޭގައި ކޮންޓްރެކްޓަރުންނާއެކު ކުރެވުނު އެކި މަޝްވަރާތަކާއި މަސައްކަތްތަކަށްފަހު މީގެތެރެއިން 20 މަޝްރޫޢެއް ފަށާފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ އެބޭފުޅުން ޢިއުލާންކުރައްވާފައިވާ ހޮސްޕިޓަލްތައް އެއަށްވުރެ ހެޔޮ އަގުގައި ޚިދުމަތަށް އެއްވެސް އުނިކަމެއް ނާންނާނެހެން ޑިޒައިނަށް މިގެނައި ބަދަލާއެކު މިސަރުކާރުން ތަރައްޤީކުރާނެ." ވަޒީރު ވިދާޅުވިއެވެ.

ނިމިދިޔަ ދައުރުގައި ރާއްޖޭގެ 7 ސަރަޙައްދެއްގައި ކުވެއިތު ފަންޑުން ހޮސްޕިޓަލް އެޅުމަށްވަނީ ހަވާލުކޮށްފައިވެއެވެ. އެހެންނަމަވެސް އިދާރީ އެކި މައްސަލަތަކުގެ ސަބަބުން އެހޮސްޕިޓަލްތައް އެޅުމަށް ލިބުނު ފަންޑު އަނބުރާ ގެންގޮސްފައިވާ ވަޒީރު ޚަލީލު ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން ކުރި މަސައްކަތުން މިފަންޑުން ބައެއް ރިކަވަރ ވެފައިވާކަމަށް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއިން ކުރީ ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާކަމަށް ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިޤްތިޞާދު މިއަދު އޮތް ނާޒުކު ހާލަތަށް ގެނެސް ދޫކޮށްލުމުގެ ފުރިހަމަ ޒިންމާ ކުރީ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ވިދާޅުވެ ޑރ.ޢަބްދުﷲ ޚަލީލްވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން މިއަދު އޮތް ހާލަތަށް ޤައުމު ދިޔައީ އާމްދަނީއާއި ނުބައްދަލު ޚަރަދުކުރުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.