ޚަބަރު

ދައުލަތް އުވިގެންދާތަން ބަލަން ނުތިބޭނަން، ސަރުކާރަށް އެއްބާރުލުން ދޭނަން: ޙަސަން ލަޠީފް


  • ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެރުވި

  • ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފެށުމަށް އަވަސްކޮށްދިނުމަށް އެދުނު

ދިވެހި ދައުލަތް އުވިގެންދާތަން ބަލަން ޑިމޮކްރެޓްސްއިން ނުތިބޭނެ ކަމަށާއި، އެޕާޓީން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ. ޑިމޮކްރެޓްސްގެ ރައީސް މިހެން ވިދާޅުވީ، އެޕާޓީއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު އެޕާޓީގައި އިސްކޮށް އުޅުނު ބައެއް ބޭފުޅުން އެޕާޓީ ދޫކުރައްވާ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާ ރަޖިސްޓްރީކޮށް ހިންގަން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މިއާއެކު މިމަހުގެ 12 ވަނަ ދުވަހަށް ވަނީ އެޕާޓީއަށް އެއް އަހަރު ފުރިފައެވެ.

ފުވައްމުލައް ސިޓީގައި ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓިގެ ރައީސް އަލްއުސްތާޛް ޙަސަން ލަޠީފް ވިދާޅުވީ، ސިޔާސީ މަސައްކަތަށް ގެއްލިފައިވާ އިތުބާރު ހޯދުމަށް، އިތުރު ހަރަކާތްތެރިކަމާއި އިތުރު ހަކަތައާއެކު އެޕާޓީން މަސައްކަތްކުރާނެކަމަށެވެ. ހަސަން ލަތީފް، ވިދާޅުވީ ދައުލަތުގެ ނިޒާމަށް ބަދަލު ގެންނައުމަކީ ވިސްނަން ޖެހޭ މުހިންމުކަމެއް ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް އިޞްލާހުތަކެއް ގެންނަންޖެހޭކަމަށާއި، އެކަންކަން ދިރާސާކުރަން ޖެހޭކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.

ޙަސަން ލަޠީފް މިހެން ވިދާޅުވެފައިމިވަނީ، ލާމަރުކަޒީ ނިޒާމަށް ބޮޑެތި އިޞްލާހުތަކެއް ގެނައުމަށް ޤާނޫނު އަސާސީ އިޞްލާހުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވަނިކޮށެވެ. އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހުރިގޮތް ބެލުމަށްފަހު ޤާނޫނު އަސާސީއަށް އެ އިޞްލާހުވެސް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޙަސަން ވިދާޅުވީ އެޕާޓީން ދައްކަނީ ހަމައެކަނި ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ވާހަކަ ނޫންކަމަށާއި، އިންތިޚާބުތައް ބާއްވާ ވަގުތަކީ އެންމެ ރަނގަޅު ވަގުތުތޯ އާއި އިންތިޚާބު އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތްތޯވެސް ބަލަންޖެހޭކަމަށެވެ. އެގޮތުން އެއީ ރައްޔިތުން އެންމެ އެދޭ ގޮތްކަމަށްވާނަމަ އެޕާޓީންވެސް އެއްބާރުލުން ދޭނެކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ދައުލަތް އުވިގެންދާތަން ބަލަން ޑިމޮކްރެޓްސްއިން ނުތިބޭނެ ކަމަށާއި، ސަރުކާރަށް އެއްބާރުލުންދޭންޖެހޭ ތަންތާނުގައި އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

"ދަ ޑިމޮކްރެޓްސް އަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް. ދައުލަތް އުވިގެންދާތަން ބަލަން އަޅުގަނޑުމެނެއް ނުތިބޭނެ. އަޅުގަނޑުމެން ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ތަންތަނުގައި އެއްބާރުލުންދީ ސަރުކާރު މެދުވެރިކޮށް ރައްޔިތުން ކަންކަން ކުރަން ބޭނުންވާ ދަނޑިވަޅުތަކުގައި އެ މަސައްކަތް ކުރުމުގައި އޮންނާނެ. އެ ޔަޤީންކަން އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާނަން. އަޅުގަނޑުމެން ޤަބޫލުނުކުރާ ހަމަތައް އެކަންކަމުގެ ތެރެއަށް އަންނަޏާ އެކަންކަން އަޅުގަނޑުމެން ފާހަގަވެސް ކުރާނަން" ޙަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވަނީ ޤާނޫނު އަސާސީ އިޞްލާހު ކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ މަސައްކަތުގައި ޑިމޮކްރެޓްސްއިން ފުރިހަމައަށް ބައިވެރިވާނެ ކަމަށާއި، އެ ފުރުސަތު ދެއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.