މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 21،000 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށް، މީގެތެރެއިން 10,878 ކޭސް ޖޫރިމަނާކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލޭގެ މަގުމަތީގެ އަމާންކަން ކަށަވަރު ކުރުމަށް ފުލުހުން ފުލުހުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަމާން މުޖުތަމައެއް ގާއިމްކުރުމަށް ފުލުހުން ދަނީ، ތަފާތު ގިނަ އޮޕަރޭޝަންތައް ހިންގަަމުންނެވެ.
މިމަސައްކަތްތަކުގެ ދަށުން މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ފުލުހުން ވަނީ، ޖުމްލަ 21,354 އުޅަނދު ބަލައި ފާސްކޮށްފައެވެ. މިއީ، ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 118 އުޅަނދެވެ. މި ފާސްކުރުންތަކުގެ ތެރެއިން 10,878 ފަހަރު ޖޫރިމަނާ ކޮށްފައިވާއިރު، 8,740 ފަހަރު ވަނީ ނަސޭހަތް ދީފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ބަލައި ފާސްކުރި ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ޖޫރިމަނާ ކޮށްފައިވެއެވެ. އަދި މީގެތެރެއިން 41 އުޅަނދަށް ނަސޭހަތް ދީފައިވެއެވެ.
މަގުމަތީގެ ޤަވާއިދުތައް ތަންފީޒު ކުރުމަށް މި މުއްދަތުގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ސްކޫލު ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް 10,263 ހަރަކާތެއް ވަނީ ހިންގާފައެވެ. މިއީ، ދުވާލަކު އެވްރެޖްކޮށް 6 ޗެކް ޕޮއިންޓާއި 57 ޓްރެފިކް ހަރަކާތެވެ.
ޕާކިންގ މައްސަލަތަކަށް ހައްލު ހޯދުމަށް އުޅަނދުތައް ޓޯކުރުމުގެ ކުރިން އަމިއްލައަށް ނެގުމަށް އެދި 23,608 ފޯނު ކޯލު ފުލުހުން ވަނީ ކޮށްފައެވެ. ނަމަވެސް، ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން 3,417 އުޅަނދެއް ޓޯކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ސައިކަލެވެ. އެއީ، 3,336 ސައިކަލާއި 81 ހަތަރު ފުރޮޅުލީ އުޅަނދެވެ. މީގެ އިތުރުން ރަސްމީ މުނާސަބަތުތަކާ ގުޅިގެން 1,080 އުޅަނދެއް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، ޓޯ ކުރުމާއި އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ ޖުމްލަ ވަނީ 4,497 އަށް އަރާފައެވެ.
ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށާއި، ނުރައްކާތެރިކޮށް ދުއްވި 77 ފަރާތަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ބަދަލު ގެނެސްގެން ދުއްވި 32 އުޅަނދަކާއި، ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވި 71 އުޅަނދެއްގެ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ.
ޖުމްލަ 59 ބާވަތެއްގެ ކުށަށް ޖޫރިމަނާ ކޮށްފައިވާއިރު، އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކެވެ. އަހަރީ ފީގެ މައްސަލައިގައި އެކަނިވެސް 2,249 ޖޫރިމަނާ ކޮށްފައިވެއެވެ. މީގެ އިތުރުން އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޓްރެފިކް ނިޝާންތަކާ ޚިލާފުވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ކަންކަން ފާހަގަކުރެވޭ ކުށްތަކުގެ ތެރޭގައި ހިމެނެއެވެ.