ޚަބަރު

އަލިމަސް ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ


  • އަލިމަސް ކާނިވާ ސަރަހައްދު ތަރައްޤީ ކުރުމުގެ އެކި ޕްލޭންތައް މީގެކުރިންވެސް ހެދި

  • ކާނިވާ ސަރަހައްދު މިހާރުވެފައިވަނީ ބޮޑެތި ސިޔާސީ ހަރަކާތްތައް ހިންގާ މައި ތަނަށް

އަލިމަސް ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލޭގައި ސްޓޭޖް ހަރަކާތްތައް ހިންގޭގޮތަށް އޮތް އެ ސަރަހައްދު މިހާރު ވަނީ ވީރާނާވެ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް ޢާޒިމް ވަނީ ކާނިވާ ސަރަހައްދު ބައުވެ އެ ސަރަހައްދު ބޭޏުންކުރާ މީހުންނަށް އަނިޔާއެއް ވެދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެ ސަރަޙައްދުގެ ސްޓޭޖްގައި ޖަހާފައި ހުރި ޓިނުތައް ނެއްޓި މީހަކަށް އަނިޔާ ލިބިދާނެ ކަމަށް ފެންނަ ކަމަށް ޢާޒިމް ވިދާޅުވެފައެވެ. އަދި އެތަނަކީ ވަރަށް ގިނަ އަހަރުތަކެއްވަންދެން އެއްވެސް މަރާމާތެއް ކޮށްފައިވާތަނެއް ނޫންކަން ސިޓި ކައުންސިލްގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

ކައުންސިލުން ވަނީ އެތަން އަލުން ތަރައްޤީ ކުރުމަށް ފާސްކޮށްފައެވެ. އެގޮތުން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެތަން ތަރައްޤީ ކުރާނެ ބަޔަކު ހޯދުމަށް ވެސް ވަނީ ފާސްކޮށްފައެވެ. ކައުންސިލަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ކަނޑައަޅައިގެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އެތަން ތަރައްޤީވުމުން މާލޭގައި ޒުވާނުންނަށް އެކި ހަރަކާތްތައް ހިންގާނެ ތަނެއް ކަނޑައެޅި، ފަންނުވެރިކަން ކުރިއެރުވުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަލިމަސް ކާނިވާ ސަރަހައްދު ތަރައްޤީ ކުރުމުގެ އެކި ޕްލޭންތައް އެކި ސަރުކާރުތަކުން ހެދިއެވެ. ނަމަވެސް އެތަން ތަރައްޤީކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަކަށް ނުދެއެވެ.

އަލިމަސް ކާނިވާ ސަރަހައްދަކީ މީގެ 21 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ތަޢުލީމުގެ މުންނާރު ކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވި ކާނިވަލެކެވެ. އެއާއެކު އެތަނުގައި ކެފޭތައްވެސް ހިންގަން ފެށިއެވެ.

އެހެންނަމަވެސް 2017 ވަނަ އަހަރު އަނިމަސް ކާނިވާ ސަރަހައްދު ތަރައްޤީކުރުމަށް އެތަނުގައި ހުރި ކެފޭތައް ބަންދުކުރަން އޭރުގެ ސަރުކާރުން އެންގިއެވެ.

އެއަށްފަހު 2018 ވަނަ އަހަރު އަލިމަސް ކާނިވާ ސްޓޭޖް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކުރިއެވެ. އޭގެ އަހަރުތަކެއް ފަހުން އެތަނުގައި ހިންގަން ފެށީ ސިޔާސީ ހަރަކާތްތަކެވެ.

އަލިމަސް އުފާ ކާނިވާ ސްޓޭޖް ހުރި ސަރަހައްދު ކުއްޔަށް ދޫކުރުމުގެ ޤަވާއިދެއްވެސް ހަމަ އެ އަހަރު އެކުލަވާލިއެވެ. އަލިމަސް ކާނިވާ ސަރަހައްދު ފިޔަވައި މާލޭގެ އެހެންތަނެއްގައި މުޒާހަރާ ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއްގެ ގޮތުގައި އޭރު ކަނޑައެޅިއެވެ. ކުޑަކުދިން "އުފާވެރި" ވަގުތުކޮޅެއް ހޭދަކުރުމަށް ކަނޑައެޅި ކާނިވާ ސަރަހައްދު ފަހުން ބަދަލުވެގެން ދިޔައީ ސިޔާސީ ހަރަކާތްތައް ހިންގާ މައި ތަނަށެވެ. މިއާއެކު އެތަން ވެފައިވަނީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑެތި ސިޔާސީ ހަރަކާތްތައް ހިންގާ މައި ތަނަށެވެ.

ރިޔާސީ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓު އެރުވުމާއި، ބޮޑެތި މުޒާހަރާތައް ބާއްވަނީވެސް އެ ސަރަހައްދުގައެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ވެސް ރިޔާސީ ޓިކެޓު އެރުއްވީ އެތަނުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

ރިޔާސީ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓު އެރުވުމާއި، ބޮޑެތި މުޒާހަރާތައް ބާއްވަނީވެސް އެ ސަރަހައްދުގައެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ވެސް ރިޔާސީ ޓިކެޓު އެރުއްވީ އެތަނުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

ކޮންމެއަކަސް ސިޔާސީ އެތައް ހަރަކާތަކާއި މާލޭގެ ބޮޑެތި އެއްވުންތައް ބާއްވާތަނަކީ ކާނިވާ ސަރަޙައްދުނަމަވެސް މިހާތަނަށްވެސް އެތަން އެންމެ ރަނގަޅަށް ތަރައްޤީވެފައި ނެތެވެ. މިހާރު ވިރާނާވެ ހަލާކުވެފައި ހުރި ސްޓޭޖް އޭރުވެސް އެތަނުގައި ހުއްޓެވެ. މިކަންކަމަށް ބަލާ ވިސްނާއިރު ކާނިވާ ސަރަހައްދަކީ ތާރީޚެއް އޮތްތަނެކެވެ.

އަނެއްކާވެސް މާލެ ސިޓީ ކައުންސިލުން މިވަނީ އެތަން އަލުން ތަރައްޤީ ކުރުމަށް ނިންމާފައެވެ. އެ ސަރަހައްދުގައި ސަލްމާން މިސްކިތްވެސް ހުރުމާއެކު އެ ސަރަޙައްދަކީ މާލޭގެ މުހިންމު އަދި އެންމެ ގިނަބަޔަކު އެއްތަނަކަށް ޖަމާވާ އެއް ސަރަޙައްދެވެ.

ކާނިވާ ސަރަހައްދަކީ ޒުވާނުންގެ ފަންނާއި ހުނަރު ދެއްކުމުގެ ހަރަކާތްތައްވެސް މާލޭގައި އެންމެ ގިނައިން ބާއްވާ ސަރަހަދުވެސްމެއެވެ.