ޚަބަރު

ތިލަފުށިން ބިން ގަތުމަށް އެކަކަށް އެއް ބީލަމަށްވުރެ ގިނައިން ހުށައެޅޭގޮތަށް އުސޫލު ބަދަލުކޮށްފި


  • ކުރިން އުސޫލު އޮތްގޮތުން އެކަކަށް ހުށައެޅޭނީ އެންމެ ބީލަމެއް

  • ތިލަފުށިން 108 ބިން ވިއްކުމަށް ހުޅުވާލާފައިވޭ

  • ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓެއް 1700 ރުފިޔާ

ތިލަފުށީ ދެވަނަ ފިޔަހިން ވިއްކުމަށް ހުޅުވާލާފައިވާ ބިންތަކަށް، އެންމެ މީހަކަށް އެއް ބީލަމަށްވުރެ ގިނައިން ހުށައެޅޭގޮތަށް ޢުސޫލަށް ބަދަލު ގެނެސްފިއެވެ. މީގެ ކުރިން އުސޫލުގައިވާގޮތުން ކޮންމެ މީހަކަށްވެސް ހުށައެޅޭނީ އެންމެ ބީލަމެކެވެ.

އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރާ ތިލަފުށި ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިމުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގައި މުޅި ތިލަފަޅުގައި ނުހިއްކާއޮތް ހުރިހާ ސަރަޙެއްދެއް ވަނީ ހިއްކާފައެވެ. 6 ސަރަޙައްދަކަށް ބަހާލައިގެން ބިން ހިއްކުން ކުރިއަށްގެންދިޔައިރު، އެއީ ޖުމްލަ 120 ހެކްޓަރުގެ ސަރަޙައްދެކެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ތިލަފުށީގެ ދެވަނަ ފިޔަވަހިން ވިޔަފާރިއަށް ބިން ވިއްކުމަށް ހުޅުވާލީ މެއި މަހުގެ 2ވަނަ ދުވަހުއެވެ. ބިން ވިއްކަން ހުޅުވަލީ ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށެވެ.

އެޗްޑީސީން މިވަނީ ބިން ގަންނަށް ހުށައަޅާ ބީލަމުގެ އުސޫލަށް އިތުރު ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ތިލަފުށި ފޭސް ދޭކުން ސިނާޢީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި، ކޮންމެ މީހަކަށްވެސް އެއް ބީލަމަށްވުރެ ގިނަ ބީލަން ހުށައެޅޭގޮތަށް ވަނީ އުސޫލަށް ބަދަލުގެނެސްފައެވެ. އެޗްޑީސީން ބުނީ މިގޮތަށް ހުށައަޅާއިރު، ހުށައަޅާ ކޮންމެ ބީލަމުގެ އަދަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށައަޅާފައިވާ އަގަށްވުރެ މަދުވެގެން 15ފުފިޔާ ބޮޑު ޢަދަދެއް ކަމުގައި ވާންޖެހޭނެކަމަށެވެ.

ބީލަން ހުށައަޅާއިރު ސްކްރީންގައިވާ "15+" އޮޕްޝަންއިން އެވަގުތެއްގައި އެންމެ މަތިން ބީލަށް ހުށައަޅާފައިވާ އަގަށް، 15 ރުފިޔާ އިތުރުކޮށް ބީލަށް ހުށައެޅޭނެއެވެ. މީގެއިތުރުން އަދަދު ޖެހުމަށް ޚާއްސަކޮށްފައިވާ ގޮޅި ބޭނުންކޮށް އެ ވަގުތެއްގައި އެންމެ މަތިން ހުށައަޅާފައިވާ އަގަށް، 15 ރުފިޔާއަށްވުރެ މަތިން އެފަރާތަކުން އިޚްތިޔާރުކުރާ ކޮންމެ އަދަދެއް އިތުރުކޮށްގެންވެސް ބީލަން ހުށައެޅޭނެއެވެ. މިގޮތަށް ފުރުޞަތު ދީފައިވަނީ ބީލަން ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑުކޮށްދިނުމުގެގޮތުންކަމަށް އެޗްޑީސީން ބުންޏެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށިން އެކި ސައިޒުގެ 108 ބިން ވިއްކުމަށް ކަނޑައަޅާފައިވެއެވެ. މީގެތެރޭގައި 3 ސައިޒެއްގެ ބިން ހިމެނެއެވެ.

އެޗްޑީސީން ބުނީ ތިލަފުށިން ބިން ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ބިންތަކަށް ޝައުޤުވެރިކަން ފާޅުކުރަންޖެހޭއިރު، އެއަށް ފަހު އެއް ބިމަކަށް އެއް ފަރާތައްވުރެ ގިނަ ފަރާތުން ޝައުޤުވެރިކަން ފާޅުކޮށްފައިވާނަމަ އެ ބިމެއް ވިއްކާނީ ބީލަމުގެ އުސޫލުންކަމަށް އެކުންފުނިން ބުންޏެވެ. އަދި ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓެއް 1700 ރުފިޔާއަށް ކަމަށް އެޗްޑީސީން ބުނެއެވެ.

ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފުރުޞަތުތަކެއް ފަހިކޮށްދީ ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ވަނީ ތިލަފުށީގެ ބިންތަކުގެ ކުލި ހުރި މިންވަރު ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.