ޚަބަރު

ފައިދާވާނެ ކަމަށް ނުބެލެވޭތީ، ފުށް ފެކްޓަރީގެ ޚިޔާލު އެސްޓީއޯއިން ދޫކޮށްލައިފި


  • ފުށް ފެކްޓަރީއެއް އެޅުމުގެ މަސައްކަތް މީގެކުރިން އެކުންފުނިންކޮށްފައިވޭ

  • އެހެންނަމަވެސް ފަހުން ހެދި ދިރާސާއިން މިއީ ފީސަބަލް ކަމެއްކަމަކަށް ނުދައްކާ

  • ކުރަންޖެހޭ ހަރަދުތައް ބޮޑުކަން އެމްޑީ ފާހަގަކުރި

ފުށް ފެކްޓަރީގެ މަސައްކަތްކުރިއަށް ނުގެންދިޔުމަށް އެސް.ޓީ.އޯގެ ބޯޑުން ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސް.ޓީ.އޯއިން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ހިއްސާދާރު ވަނީ އައު ވިޔަފާރިތަކެއްގެ ތެރެއަށް ވަނުމަށް އެސް.ޓީ.އޯއިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ފުށް ފެކްޓަރީއެއް އެޅުމުގެ މަސައްކަތް ދިޔަ ހިސާބާއި ގުޅޭގޮތުންވަނީ ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ޝިމާދު ވިދާޅުވީ، އެންމެ ފަހުން ހެދި ފީސިބިލިޓީ ސްޓަޑީއިން މިއީ ފައިދާވާނެ ވިޔަފާރިއެއް ކަމަށް ނުފެންނާތީ އެ ވިޔަފާރީގެތެރެއަށް ނުވަނުމަށް އެސް.ޓީ.އޯގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އޭރު ހެދި ފީސިބިލިޓީއާއި، މިހާރުގެ ފީސިބިލިޓީ ހެދިއިރު މި އަންނަ ކޯސްޓުތަކާއި އަޅާ ބަލާއިރު، އެހާ ފީސިބަލް ކަމަކަށް ނުވާތީ މިހާރު އަޅުގަނޑުމެން ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުން އޮންނާނީ ނިންމާފައި." ޝިމާދު ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ އައު ވިޔަފާރިތަކުގެ ތެރެއަށް ވަނުމަށް ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން ބަންކަރިންގެ ޚިދުމަތް އަންނަމަހުގެތެރޭ ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މި ޚިދުމަތް ފެށިގެން މިދަނީ ކުރިން ބުނި މުއްދަތުގެ ތެރޭގައިކަން ޝިމާދު ފާހަގަކުރެއްވިއެވެ.

"މާރޗުމަހު ޓާރމު ޝީޓުގައި ސޮއިކުރި އިރުވެސް ބުނެފައިވާނީ 6 މަސްދުވަސްތެރޭ ފެށޭނެ ކަމަށް، 6 މަސް ދުވަސްވާނީ މިއަންނަ ސެޕްޓެމްބަރަށް، އެއަށްވުރެ ކުރިން މިއަންނަ އޮގަސްޓުމަހު ތެރޭގައި މިބަލަނީ އަމަލީ މަސައްކަތް ފެށޭތޯ." ޝިމާދު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާއިރު، ސަރުކާރުން ވަނީ ލ. ގާދޫގައިވެސް ބަންކަރިންގެ ޚިދުމަތާއެކު ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް ކޮމާޝަލް ހާބަރެއް ހެދުމަށް ނިންމާފައެވެ. އެކަމަށްޓަކައި ހިންގާ ލ. އިންޓަގްރޭޓެޑް މެރިޓައިމް ހަބް މަޝްރޫޢު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން މިހާރު ވަނީ ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފައެވެ.