ޚަބަރު

އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި


  • މިގޮތަށް ފާސްކޮށްފައިވަނީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި

  • މިއީ ފާއިތުވި 17 އަހަރުގެ ތެރޭގައި ބަހަން ނިންމި އެންމެ ބޮޑު އަދަދު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯގެ ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނޫވިލު ސީޕްލޭން ޓާރމިނަލްގެ ނިރީ ލައުންޖުގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައެވެ.

އެސް.ޓީ.އޯގެ އަހަރީ އާންމު ޖަލްސާގައި 189 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކުރީ 99 އިންސައްތަ މީހުންގެ ވޯޓުންނެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން އެސް.ޓީ.އޯ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފައިވާއިރު މިއީ އެކުންފުނިން ފާއިތުވި 17 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

ކުރިއަށް އޮތް 6 އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 65،500 އެމެރިކާ ޑޮލަރު ދިނުމަށް މި ޖަލްސާގައި ނިންމާފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު އެސް.ޓީ.އޯއަށް އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ކުރީ އަހަރު 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ލިބިފައިވެއެވެ.

އެސްޓީއޯގެ އާމްދަނީ މިދިޔަ އަހަރު ދަށްވި މައިގަނޑު ސަބަބެއް ކަމަށް އެކުންފުނިން ފާހަގަކުރީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލެވެ. މި ބަދަލާއެކު އެސްޓީއޯއިންވެސް ތެޔޮ ވިއްކާ އަގު ދަށްކޮށްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. ނަމަވެސް ކުންފުނިން ވިއްކި ތެލުގެ މިންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއި، ކުންފުނީގެ އެހެން ވިޔަފާރިތައްވެސް ކުރިއެރުމުން ޖުމްލަ ފައިދާގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސް.ޓީ.އޯއިން ބުންޏެވެ.

މިދިޔަ އަހަރު ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެސް.ޓީ.އޯއިން ވަނީ ހޯދާފައެވެ. އޭގެ ކުރީ އަހަރު އެކުންފުނީގެ ހިނގުމުގެ ފައިދާއަކީ 1 ބިލިއަން ރުފިޔާއެވެ.

މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެކުންފުންނަށް ވަނީ ލިބިފައެވެ. މިއީ އެސް.ޓީ.އޯގެ ތާރީޚުގައިވެސް ރެކޯޑް އަދަދެކެވެ.

އެސް.ޓީ.އޯއަށް 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، އެންމެ 728 މިލިއަން ރުފިޔާއެވެ. މިއާއެކު މިއަހަރު ކުންފުނިން ވަނީ 12 އިންސައްތަ ކުރިއެރުމެއް ހޯދާފައެވެ.

މި ކުރިއެރުމުުގެ މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާވެ، ޖުމްލަ ފައިދާ އިތުރުވުން ކަމަށް އެސް.ޓީ.އޯއިން ބުންޏެވެ. އަދި ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި، އެސް.ޓީ.އޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއެކު އެސް.ޓީ.އޯ ގްރޫޕްގެ ފައިދާވެސް އިތުރުވެ، 1.1 ބިލިއަނަށް އަރާފައިވާ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ. މިއީވެސް އެ ގްރޫޕުގެ ތަރީޚުގައި ފުރަތަމަ ފަހަރަށް ހާސިލްކުރެވުނު ރެކޯޑު އަދަދެއް ކަމަށް އެސް.ޓީ.އޯއިން ބުނެއެވެ.