ޚަބަރު

ލޮލު ރޯގާއާއި ފާނަބަސަންދު ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެއްޖެ


  • ލޮލު ރޯގާ ޖެހިގެން 337 މީހުން ރިޕޯޓުކޮށްފައިވޭ

  • ފާނަބަސަންދު ޖެހިގެން 107 މީހުން ރިޕޯޓްކޮށްފައިވޭ

ލޮލު ރޯގާ އާއި ފާނަބަސަންދު ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެއްޖެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި އެކި ކަހަލަ ރޯގާތައް ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރެކެވެ. މިއާއެކު މި ބަލިތަކުގައި ޑޮކްޓަރަށް ދައްކަން ދާ މިހުންގެ އަދަދު ވެސް މިވަނީ އިތުރުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ ޖޫން 30 އިން ޖުލައި 6 އަކަށް ލޮލު ރޯގާ ޖެހިގެން 337 މީހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ލ. އަދި ޏ. އަތޮޅުން ކަމަށެވެ.

ލޮލު ރޯގާ (ކޮންޓަންކްޓިވަައިރަސް) އަކީ ތަފާތު ވައްތަރުގެ ވައިރަސް އަދި ބެކްޓީރިއާއިން ޖެހޭ ބައްޔަކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ލޯ ހިރުވުމާއި، ލޮލޮން ފެން އައުމާއި، ލޯ ރަތްވުން، ލޮލުގައި މަޑުލުން ހިމެނެއެވެ.

ފާނަބަސަންދު ޖެހިގެން ޖޫން 30 އިން ޖުލައި 6 އަކަށް 107 މީހުން ރިޕޯޓްކޮށްފައިވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވިއެވެ. އެއީ މާލެ ސަރަހައްދާއި ޅ. އަދި ސ. އަތޮޅުންނެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ހޭންޑް ފުޓް އެންޑް މައުތް ބަލި ޖެހިގެން ޖޫން 30 އިން ޖުލައި 6 އަކަށް 35 މީހުން ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި އދ. އަތޮޅުން ކަމަށެވެ.

ލޮލާއި އަނގަ އަދި ނޭފަތުގެ ޒަރީއްޔާއިން ޖެހޭ މިބައްޔަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން 23 އިން ޖޫން 29 އަށް ލޮލު ރޯގާ ޖެހިގެން 407 މީހަކު ރިޕޯޓު ކުރިއެވެ. އަަދި ފާނަބަސަންދު ޖެހިގެން 94 މީހަކު ރިޕޯޓުކޮށްފައިވާއިރު ހޭންޑް ފުޓް އެންޑް މައުތް ބަލި ޖެހިގެން 11 މީހަކު ވަނީ ރިޕޯޓުކޮށްފައެވެ.