ޚަބަރު

ސްކޮލަރޝިޕާއި ލޯނު ލިބޭ ދަރިވަރުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ސްކޭމްތަކެއް!


  • ދަރިވަރުންނަށް ދޭ ޚިދުމަތުން އެއްވެސް ފީއެއް ނުނަގާނެ

  • އާއްމުކޮށް މުޢާމަލާތްކުރާނީ ޕޯޓަލްއާއި އީމެއިލްއިން

  • ފޯނު ނަންބަރު ޔަގީންނުކޮށް، އެއްވެސް މަޢުލޫމާތެއް ޙިއްސާ ނުކުރޭ

ލޯނާ ސްކޮލަޝިޕް ލިބޭ ދަރިވަރުންގެ ކަންކަން ހަމަޖެއްސުމަށް، އެ ދަރިވަރަކު ސަރުކާރަށް އެއްވެސް ފީއެއް ނުވަތަ ފައިސާއެއް ދައްކަން ނުޖެހޭނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިހެން ވިދާޅުވީ، ސަރުކާރުން ދޭ ސްކޮލޮޝިޕާއި ލޯނު ހޯދުމަށް އެދިފައިވާ އަދި ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން ވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ދަރިވަރުންނަށް ގުޅަމުންދަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ ނަމުގައިކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުންދަނީ ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި، އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނެއެވެ. އަދި ދަރިވަރުންނަށް ފައިސާ ދޫކުރުން އަވަސް ކޮށްދެވޭނީ ފައިސާ ދިނުމުންކަމަށްވެސް ސްކޭމް ފޯނު ކޯލުތަކުގައި ދަނީ ބުނަމުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުން ދޭ ސްކޮލޮޝިޕެއް ނުވަތަ ލޯނަށް ދަރިވަރަކު ހޮވުމަކަށް އަދި އެ ދަރިވަރެއްގެ އެއްވެސް ކަމަކަށް އެ ވުޒާރާއަށް ނުވަތަ ކަމާ ގުޅޭ އިދާރާއަކަށް ދަރިވަރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެއެވެ. އަދި ކަމެއް އަވަސް ކުރުމަކަށްވެސް އެއްވެސް ފައިސާއެއް ނުވަތަ ފީ އެއް ދައްކަން ނުޖެހޭނެކަމަށްވެސް އެ ވުޒާރައިން ވިދާޅުވިއެވެ.

ދަރިވަރުންނާއި ގުޅޭ ކަންކަމުގައި ވުޒާރާއިން މުޢާމަލާތްކުރަމުން ދާނި އެކަމަށް ޚާއްސަކޮށްފައި އޮންނަ އުސޫލުން، ޕޯޓަލްއާއި އީމެއިލްގެ ޒަރީޢާއިންކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް ކޮންމެހެން ފޯނުން ގުޅަން ޖެހޭ ޙާލަތުގައިވެސް އެކަން ކުރާނީ ހަރުދަނާ އުސޫލުގެދަށުންކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ދަރިވަރެއްގެ އެއްވެސް ކަމަކާ ގުޅޭގޮތުން ފޯނު ކޯލެއް ލިބިއްޖެނަމަ، ގުޅާ ނަންބަރަކީ ވުޒާރާގެ ކަމާގުޅޭ ނަންބަރެއްކަން ޔަގީން ނުކޮށް، ދަރިވަރުގެ އެއްވެސް ޒާތީ މަޢުލޫމާތެއް ޙިއްސާނުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ފައިސާގެ އެއްވެސް މުޢާމަލާތެއް ނުހިންގުމަށް ވަނީ އެދިވަޑައިގެންފައެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއިން ދަރިވަރުންނަށް ދޭ އެއްވެސް ޚިދުމަތަކީ އެކަމަށް ދަރިވަރުންގެ ފަރާތުން އެއްވެސް އަގެއް ދައްކަން ޖެހޭ ޚިދުމަތެއް ނޫންކަމަށެވެ.