ޚަބަރު

ކޮންޓެންޓް ކްރިއޭޓަރުންނަށް އެހީތެރިކަން ދިނުމަށް އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވްއާ މަޝްވަރާކޮށްފި


  • މަސްވެރިކަމުގެ ބާވައްތަކުން ޑިއުޓީ ކަނޑާލުމަށް މަޝްވަރާކުރެއްވި

ރާއްޖޭގެ ކޮންޓެންޓް ކްރީއޭޓަރުންނަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވް އޮފީހާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޮޝިންޓަނުގައި ބޭއްވި ރާއްޖެއާއި އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓެމެންޓް ފްރޭމްވޯކް އެގްރިމެންޓާއި ގުޅޭ ބައްދަލުވުމުގައެވެ.

އެމެރިކާގެ ވޮޝިންޓަނުގައި އޮތް މި ބައްދަލުވުން ރާއްޖޭގެ ފަރާތުން ކޯޗެއަރކަން ކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދުއެވެ. އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވް އޮފީހުގެ ފަރާތުން މި ބައްދަލުވުން ކޯޗެއަރ ކޮށްފައިވަނީ، ބްރެންޑަން ލިންޗްއެވެ. މި ބައްދަލުވުމަކީ އެމެރިކާއާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން ހަރުދަނާކޮށް ރާއްޖެއަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިޤްތިޞާދީ ވަޒީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގައި ޑިޖިޓަލް ކްރިއޭޓަރުންނަށް އެއްބާރުލުމާއި އެހީތެރިކަން ހޯދައިދީ، ބޮޑެތި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތައް ރާއްޖޭގައި ބޭނުން ކުރެވޭނެ ގޮތް މަގުފަހިކުރަން ޖެހޭކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ބާވަތްތަކަށް ޑިއުޓީ ކަނޑާލެވޭނެ ގޮތްތައް ހޯދުމަށް މަޝްވަރާކުރެވިފައިވެއެވެ. އަދި އެމެރިކާ ސަރުކާރުގެ އަދި އަމިއްލަ އިންވެސްޓަރުންނާއެކު މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

ރާއްޖޭގެ ޑިޖިޓަލް ކްރިއޭޓަރުންނަށް ފަހި ފުރުސަތުތަކެއް ހޯދުމަށް މަޝްވަރާ ކުރެވެމުންދާއިރު، ރާއްޖޭގައި ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ނިންމާފައެވެ. އެގޮތުން ދައުލަތުގެ ގިނަ ވުޒާރާތައް އެކުލެވޭގޮތަށް ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީން ޤައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމީއެއްގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިޔަފާރިއާއި ގުޅޭ މަޝްވަރާތައް ފައްޓަވާފައިވާއިރު ދިވެހިރާއްޖޭގައި ޕޭޕެލްގެ ޚިދުމަތް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިއަހަރުގެ މެއި މަހު ވަޒީރުވަނީ ވިދާޅުވެފައެވެ. ޕޭފަލް ފަދަ އީވޮލެޓަތަކުގެ ޚިދުމަތަކީ ކޮންޓެންޓް ކްރިއޭޓަރުންނަށް ބޭރު ޤައުމުތަކުގެ އެކި ޕްލެޓްފޯމުތަކުން ފައިސާ ލިބިގަނެވޭ އެއް ގޮތެވެ.