ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ހިރިމަރަދޫން ހޫނު މަރުޙަބާއެއް


  • ރައީސްވަނީ ހދ. އަތޮޅަށް ދަތުރުފުޅެއް ފަށްޓަވައިފި

  • މި ދަތުރުފުޅުގައި ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިރިމަރަދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ސަރަހައްދަށް ޖަމާވެފައެވެ.

ހިރިމަރަދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅުގެ ރަށްރަށަށް ކުރައްވާ 4 ދުވަހުގެ މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ހިރިމަރަދޫއަށްފަހު ދެން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ ހދ. ފިނޭއަށެވެ.

މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.