ޚަބަރު

ޗައިނާގެ ސީޝުއާން ޕްރޮވިންސާއެކު ބާއްވާ ޓްރޭޑް ކޮންފަރެންސްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި


  • ކޮންފަރެންސް އޮންނާނީ އޯގަސްޓް މަހު 6 ވަނަ ދުވަހު

  • ކޮންފަރެންސްގައި ޗައިނާގެ ސިޝުއާން ޕްރޮވިންސްގެ ވިޔަފާރިވެރިން ބައިވެރިވާނެ

ދިވެހިރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް އާއި ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުޞަތު އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ކޮންފަރެންސަކީ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ހަރ އެކްސަލަންސީ މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި 6 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅުވައިގެން ބާއްވާ ކޮންފަރެންސެކެވެ. މަޤްޞަދަކީ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.

މި ކޮންފަރެންސްގައި 5 ދައިރާއަކުން ސިޝުއާން ޕްރޮވިންސްގެ ވިޔަފާރިވެރިން ބައިވެރިވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކޮންފަރެންސްގައި ވިޔަފާރިވެރިން ބައިވެރެވާ ދާއިރާތައް

ދަނޑުވެރިކަން
މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް
ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރި
ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި
ފަތުރުވެރިކަމާއި ބެހޭ ދާއިރާ

އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ވިދާޅުވީ، ކޮންފަރެންސްގެ ތެރެއިން މި ދާއިރާތަކުގެ ވިޔަފާރިތަކާއި ގުޅުން ޤާއިމްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެން ކަމުން މި ދާއިރާތަކުން ޒިޔާރަތްކުރާ ކުންފުނިތަކާ އަދި ސިޝުއާން ޕްރޮވިންސްގެ އިސްފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޝައުގުވެރިކަން ހުރި ދިވެހި ވިޔަފާރިތަކުން އެކަމަށް އެދި ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ވިދާޅުވީ، ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާންއިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދޭނެ ކަމަށެވެ.


މިކޮންފަރެންސްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށް އެދުމުގެ އެންމެ ފަހު ތަރީހަކީ މިމަހުގެ 18 ވާ ބުރާސްފަތި ދުވަހު، 14:00 ގެ ކުރިންނެވެ.