ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ދޯހާގައި ފަށަން ތައްޔާރުވެއްޖެ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ހުށަހަޅާފައިވާ ސުލްޙައިގެ މަގުޗާޓާ ގުޅޭ މަޝްވަރާތައް ޤަޠަރުގެ ވެރިރަށް ދޯހާގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. އެ މަޝްވަރާތަކުގައި ޤަޠަރުގެ އިތުރުން މިޞްރާއި އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެ ބައްދަލުވުންތަކުގައި ޔަހޫދީންގެ ޖާސޫސީ އިދާރާގެ ހައްދުފަހަނަ އެޅި ވެރިޔާ ވެސް ބައިވެރިވާނެއެވެ.

ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ސުލްޙައިގެ މަގުޗާޓެއް އިޢުލާނު ކުރައްވާފައި ވަނީ މޭ މަހުގެ 31ވަނަ ދުވަހުއެވެ. އެ މަގުޗާޓަށް ޔަހޫދީން ފުރިހަމައަށް ތާޢީދު ކުރާނެ ކަމުގައި ބައިޑަން އެއިރު ވިދާޅުވި ނަމަވެސް, ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅަމުންނެވެ. އަދި, އެއްބަސްވުމުގައިވާ ބައެއް މުހިންމު ޝަރުޠުތަކަށް ދެކޮޅު ހަދަމުންނެވެ.

ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުގައި މިޞްރު ތަމްސީލު ކުރައްވާނީ އެ ޤައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢައްބާސް ކާމިލެވެ. ނަން ހާމަ ކޮށްފައި ނުވާ މިޞްރުގެ އޮފިޝަލަކު ބުނީ, މަޝްވަރާތަކުގައި ދެ ފަރާތުގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން ކާމިލް މަސައްކަތް ކުރައްވާނެ ކަމުގައެވެ. "އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ނުކުތާތަކަށް ދެ ފަރާތުން ވެސް އެއްބަސްވޭ،" މިޞްރުގެ އޮފިޝަލް ވިދާޅުވިއެވެ. ދޯހާގައި މަޝްވަރާތައް ބޭއްވުމަށް ފަހު, މިޞްރުގައި ވާހަކަތަކުގެ އިތުރު ބުރެއް ބާއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ އެ ޤައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިޔަމް ބަރންސް ދާދި ފަހުން ވަނީ މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއާ ބައްދަލު ކުރައްވައި, މި ކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރު އެންމެ ދުވަހަކަށް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ދިނުމަށް ވެސް މިޞްރުން ދެކޮޅު ކަން އެ ބައްދަލުވުމުގައި ސީސީ ހާމަ ކުރައްވާފައިވާ ކަމުގައި މިޞްރުގެ ސަރުކާރުން ބުންޏެވެ.

ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރު ގުޅިގެންނެވެ. އެ ކަމުގައި އެމެރިކާގެ ބައިވެރިވުން ވެސް އޮވެއެވެ. ނަމަވެސް, އެމެރިކާއިން ކުރިއަރުވަން ބޭނުން ވަނީ ޔަހޫދީންގެ މަސްލަޙަތެވެ. ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ ރަށުން ވަގުތުން ފޭބުމަށް ޙަމާސުން ކޮށްފައިވާ ޝަރުޠަށް އެމެރިކާއާއި ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ.

މީގެ އިތުރުން, މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީ ފައުޖުން ދަނީ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާން އިތުރަށް ވަރުގަދަކޮށް ފުޅާ ކުރަމުންނެވެ. އެ ގޮތުން, މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާ ސިޓީއަށް ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު އަރައި, މުސްލިމުންގެ ގެދޮރާއި, ވަގުތީ ހިޔާތަކާއި ހަސްފަތާލުތަކަށް ޙަމަލާ ދިނުން އިތުރު ކޮށްފައެވެ. އަދި, ޝަހީދު ކުރަމުންދާ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ ޢަދަދު އެތަކެއް ގުނައަކަށް އިތުރު ކޮށްފައެވެ.

ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, ޣައްޒާގެ ރެފިއުޖީން ވަގުތީ ހިޔާގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ހަތަރު މަދަރުސާއަކަށެވެ. އަދި, ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީދޭ އދގެ އިދާރާގެ މައި އޮފީހަށް ވެސް ޔަހޫދީ ފައުޖުން ވަނީ ބޮން އަޅާފައެވެ. އެ ޙަމަލާތަކުގައި 30 މީހުން ޝަހީދުކޮށްލައި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ދަނީ 2023 އޮކްޓޫބަރު 7ން ފެށިގެން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. މީގެ ނުވަ މަސް ކުރިން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,243އަށް އުފުލިފައެވެ.

އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 88,243އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.