ޚަބަރު

މާލޭގައި 26،000 ޓަނުގެ ފެން ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފަށަނީ


  • އަހަރެއްހާ ދުވަހުގެ ތެރޭގައި 10،000 ޓަނުގެ ފެން އުފެއްދޭނެ ނިޒާމެއް އޮންނާނެ

މާލޭގައި 26،000 ޓަނުގެ ފެން އުފައްދާ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަތީން ވިދާޅުވީ މާލޭގައި ފެން އުފައްދާ ރައްކާކުރެވޭނެ ނިޒާމް އިތުރުކުރުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވީ މާލޭގައި ފެން އުފައްދާ ރައްކާކުރަމުން ގެންދަނީ އެކަމަށް ބޭނުންކުރާ ސަމާނުތައް މަރާމާތުކޮށްގެންކަމަށާއި އެތަކެއްޗަކީވެސް ދުވަސްވެފައިވާ ސިސްޓަމްތަކެއްކަމަށެވެ. އަދި ފެނުގެ ނިޒާމް ފުޅާކުރުމަށްޓަކައި އިތުރު ޖާގަ ބޭނުންވާކަން ފާހަގަކުރައްވާ މަތީން ވިދާޅުވީ މާލޭގައި ފެން އުފެއްދޭވަރާއި ރައްކާކުރެވޭނެ ނިޒާމްގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްސަ މަޝްރޫޢުތަކެއް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި 10،000 ޓަނުގެ ފެން އުފެއްދޭ މިންވަރަށް ޤާބިލުކަން އިތުރުވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަތީން ވިދާޅުވީ މިމަހުގެ ތެރޭ ނުވަތަ އަންނަ މަހުގެ ތެރޭގައި 26،000 ޓަނުގެ ފެން އުފައްދާ ރައްކާކުރެވޭނެ ނިޒާމެއް މާލޭގައި ޤާއިމްކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.

"މާލޭގައި ފެން އުފެއްދޭވަރާއި ރައްކާކުރެވޭ ވަރާއި ބޭނުންކުރެވޭވަރު މި ހުންނަނީ ގާތްގަޑަކަށް އެއްވަރެއްގައި. އެހެން ހުއްޓާ ބޮޑުކަމެއް ދިމާވެއްޖެނަމަ ވަރަށް ހާލުގައި ޖެހޭ ގޮތެއްގައި މިއޮތީ. ނަމަވެސް ކާރިސާތަކަށް ތައްޔާރުވާން އެބަޖެހޭ. ހުރިހާ ގޮތަކުން ބެލިނަމަވެސް ފެނުގެ ޚިދުމަތުގެ ޔަޤީންކަން މިހާރަށްވުރެ ބޮޑުތަނުން ރަނގަޅު ކުރަންޖެހޭ." މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވިއެވެ.

މާލޭގައި ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ހުޅުމާލެއާއި މާލއާ ދެމެދު ފެނުގެ ވިއުގަ ގާއިމްކުރުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ. މަތީން ވިދާޅުވީ މާލޭގެ ފެނުގެ ސެކިޔުރިޓީ ކަށަވަރުކުރުމަށް ނުވަތަ ދިމާވާ ކުއްލި ހާލަތަކުން އަރައިގަތުމަށް ހުޅުމާލެއިން މާލެއަށް ފެން ގެނެވޭނެ ގޮތެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހުޅުމާލެއާއި މާލޭގައި އަޅާ ވިއުގައިގެ މަސައްކަތް ނިމުމާއެކު ގަޑިއަކު 800 ޓަނުގެ ފެން މާލެއާއި ހުޅުމާލެއާއި ދެމެދު ދައުރުކުރެވޭނެއެވެ. މަތީން ވިދާޅުވީ އެ މަސައްކަތް މިއަހަރުގެ ތެރޭ ނިންމާ އަންނަ އަހަރުގެ ކުރީކޮޅު ޚިދުމަތް ދެވޭނެކަމަށެވެ.

މާލޭގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް 20000 ޓަނުގެ ފެން އުފައްދައެވެ. އަދި ދުވާލެއްގެ މައްޗަށް 18000 ޓަނުގެ ފެން ރައްޔިތުން ބޭނުންކުރުމަށް ފޯރުކޮށްދެއެވެ. މީގެ އިތުރުން ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަގޮތުން ފެނުގެ ޑިމާންޑް ބޮޑުވަމުން އަންނަކަމަށާއި މިހާރުވެސް ދުވާލެއްގެ މައްޗަށް 11000 ޓަނުގެ ފެން ރައްޔިތުން ބޭނުން ކުރަމުން އަންނަ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.