ޚަބަރު

އިންގްލެންޑްގެ ކުރީ މެޗަށްވުރެ އިތުރު ހަރުފަތެއް މައްޗަށް ޖައްސަންޖެހޭ: ސައުތުގޭޓް


ޔޫރޯ 2024 ގެ ސެމީ ފައިނަލްގައި މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް ވަނީ، އެންމެ ފަހުން އިންގްލެންޑް ކުޅުނު މެޗުގައި ދެއްކި ކުޅުމަށްވުރެ އިތުރު ހަރުފަތެއް މައްޗަށް ޖައްސަން ޖެހޭ ކަމަށް ބުނެފައެވެ. އެއީ، ކުއާޓާ ފައިނަލްގައި އިންގްލެންޑުން ކުޅުނު އިދިކޮޅު ޓީމަށްވުރެ މި ފަހަރު ކުރިމަތިލާންޖެހޭ ޓީމަކީ ފެންވަރުގެ ގޮތުން މާ މޮޅު ޓީމަކަށްވުމުން ކަމަށާއި، އެހެންވިޔަސް އޭނާގެ ޓީމުން އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސައުތުގޭޓް ބުނީ، ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އިންގްލެންޑް ޓީމުގައި ތިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެ ހުރިހާ ކުޅުންތެރިން އަބަދުވެސް ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ކޯޗިންގ ޓީމާއި ކުޅުންތެރިންނަށް ވެސް އިތުރަށް ރަނގަޅުކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށް އޭނާ ދެކޭ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

މުބާރާތުގައި މިހާތަނަށް ހޭދަވީ ދުވަސްތަކުގައި އިންގްލެންޑްގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންގެ މެދުގައި ބަދަހިކަން އެބައޮތް ކަމަށާއި، ޓީމުގެ ދެބައިކުޅައެއްބައި ކުޅުންތެރިންގެ މުބާރާތުގެ ތަޖުރިބާ ނެތް ކަމަށް ވެސް ސައުތުގޭޓް ފާހަގަކުރިއެވެ.

އަދި، މުބާރާތުގައި މިހާތަނަށް އިންގްލެންޑްގެ ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުޞަތު ދެވިފައިނުވާއިރު އެކި މެޗުތަކުގައި މުޅި އެކު 21 ވަރަކަށް ކުޅުންތެރިންގެ ބޭނުންހިފާފައިވުމުން ވެސް ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން އިތުރަށް ރަނގަޅުވެފައިވާ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި އެހެން ފަހަރުތަކެކޭ ހިލާފަށް ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުމުން އަންނަ ކަމަށް ސައުތުގޭޓް ވަނީ ބުނެފައެވެ. އަދި މި އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެމުން އަންނަ ސްޓޭޑިއަމްތަކުގެ މާހައުލު ވަރަށް ތަފާތުވެފައި ލިބޭ ހިތްހަމަޖެހުން އިތުރުވެފައިވާ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

ނެދަލެންޑްސްއާ ބެހޭގޮތުން ސައުތުގޭޓް ބުނީ، މީގެ ކުރީން ފެންނަ ނެދަލެންޑްސް ޓީމުތަކާ ހިލާފަށް މިހާރުގެ ޓީމުން، އިދިކޮޅު ޓީމުން ހަދާ އެއްޗެއް ބަލަން މަޑުކޮށްގެން ތިބޭ ކަމަށާއި، އެކަމަކު އެ ޓީމުގެ ކޯޗު، ރޮނާލްޑް ކޫމަން އަކީ ތަޖުރިބާ ބޮޑު ކޯޗަކަށްވުމުން ކޮންމެ ކަމަކާ ވެސް ކުރިމަތިލުމަށް އިންގްލެންޑުން ތިބޭނީ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ.

މެޗާ ބެހޭގޮތުން އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ބުނީ، އިންގްލެންޑުން މުބާރާތަށް އައީ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަނޑައަޅައިގެން ކަމަށާއި، ފިޔަވަޅަކަށް ފަހު ފިޔަވަޅަކާ އެ އަމާޒަށް ވާސިލްވުމަށް ކައިރިވަމުން އަންނަ ކަމަށެވެ.

ޖެހިޖެހިގެން ޔޫރޯގެ ދެވަނަ ފައިނަލަކަށް ދަތުރުކުރެވުން ވާނީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއަކަށް ކަމަށާއި، އަނެއްކާވެސް އެކަން ތަކުރާރު ކުރުމުގެ ފުރުޞަތު އިންގްލެންޑަށް ލިބިފައިވާ ކަމަށް ވެސް ކޭން ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ނެދަލެންޑްސްއާ އިންގްލެންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.