ޚަބަރު

ހަޓުތައް ކުރިން ހުރި ސަރަހައްދުގައި ވިޔަފާރިވެރިންނަށް ކިއޮސްކްތަކެއް


  • ހަޓުތައް ހުރި ސަރަހައްދު ހުސްކޮށްފައިވަނީ މިދިޔަމަހުގެ 18ވަނަ ދުވަހު

  • ހަޓުތަކުގެ ބަދަލުގައި ކިއޮސްކްތައް ހެދުމުގެ މަސައްކަތްދަނީ ކުރަމުން

  • އެ ސަރަހައްދު ތަރައްޤީކުރަނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކާއެކު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހަޓުތައް ހުރި ސަރަހައްދުގައި ކިއޮސްތަކެއް ހެދުމުގެ މަސައްކަތް ހައުސިން ޑިލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން ވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހާ ހަމައަށް ހަޓުތައް ނެގުމަށް އެތަނުގައި ވިޔަފާރިކުރަމުން އައި ފަރާތްތަކަށް އަންގާފައެވެ. އަދި މިދިޔަ މަހުގެ 18ގައި ވަނީ އެ ހަޓުތައް އެތަނުންނަގާފައެވެ.

ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައި ހުރި ހުރިހާ ހަޓުތައް ނެގުމަށް އެޗްޑީސީން އެންގީ އެ ސަރަހައްދު ތަރައްގީ ކުރުމަށެވެ. އެ ސަރަހައްދުގައި ހަޓުތައް ހަދައިގެން ކެފޭއާއި ހެދިކާ ވިއްކާ ތަންތަން ހިންގަމުންއައީ އެޗްޑީސީގެ ހުއްދަނެތިއެވެ.

އެޗްޑީސީން އޭރު ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކާއެކުގައެވެ. މިއާއެކު މިހާރު އެ ސަރަހައްދުގައި ކިއޮސްކްތައް ހެދުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.

މި ގެންނަ ބަދަލާއެކު ވިޔަފާރިތަކަށް ބޭނުންވާ ވަސީލަތްތައް އެތަނުގައި ޤާއިމުކުރެވޭނެ ކަމަށާއި، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށްކަމަށެވެ.