ޚަބަރު

އަގު އެއްނުކުރާ މަސް، ބޭރުކުރަނީ މަޖުބޫރުވުމުން، އެކަން ބަދަލުކުރަން މިދަނީ މަސައްކަތްކުރަމުން: ވަޒީރު ޝިޔާމް


  • ދެމެހެއްޓެނިވި މަސްވެރިކަމަށް ޤައުމުތަކުގެ ލީޑަރުން މަސައްކަތް ކުރުމަށް ގޮވާލެއްވި

  • ރާއްޖޭއިން މަހުގެ ބާވަތްތައް ބޭރުކުރަން މިހާރުވެސް ޚަރަދު ބޮޑުކަމަށް ވަޒީރު ވިދާޅުވި

އަގު އެއްނުކުރާ މަސް ނުވަތަ ރޯމަސް ރާއްޖެއިން ބޭރުކުރަނީ މަޖުބޫރީ ޙާލަތުގައިކަމަށާއި، އެކަން ބަދަލުކޮށް އަގު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިހާރު އިޓަލީވިލާތުގެ ރޯމުގައި ކުރިއަށްދާ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ، ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ސެޝަނުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި އެއްތަނބު ކަމަށެވެ. އެގޮތުން މި ސިނާޢަތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން ވަޒީފާ އަދާކުރާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް ރާއްޖެއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ދެމެހެއްޓެނިވި މަސްވެރިކަމެއްކޮށް ދުނިޔެއަށް ރާއްޖެއިން އެކަމުގެ މިސާލު ދައްކުވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް މިމަސައްކަތް ރާއްޖެއަށް އެކަނި ނުކުރެވޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. މިގޮތުން ރާއްޖެ ފަދަ ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މި ސިނާޢަތުގައި ވިޔަފާރި ކުރުމަށް ހުރި ހުރަސްތައް ނައްތާލަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މި ސިނާޢަތުގައި ރާއްޖެއިން ބައިނަލްއަޤްވާމީ މާކެޓަށް މަހުގެ ބާވައްތައް ނެރުމުގައި ކުރަން ޖެހޭ ޚަރަދުތައް އެތައް ގުނައެއް ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދިވެހިރާއްޖެއިން ރޯމަސް ދުނިޔޭގެ ބާޒާރަށް ނެރެ އިތުރަށް ޕްރޮސެސްކުރުމަށް އެހެން ތަންތަނަށް ފޮނުވަން މަޖުބޫރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އަގު އެއްނުކުރާ މަސް ނުވަތަ ރޯމަހުގެ ގޮތުގައި މަސް ބޭރުކުރުން މަދުކޮށް ހާލަތު ބަދަލުކުރަން މިހާރުގެ ސަރުކާރުން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.


"އަޅުގަނޑުމެން ފްރެއިޓް ޚަރަދު ބޮޑު. ކުރަން ޖެހޭ މަސައްކަތައް ދާ ޚަރަދުއެއަށް ވުރެވެސް ބޮޑު. ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނުގެ އަގުވެސް އެހާމެ ބޮޑު. ހަނގުރާމަތަކާއި އެކި ކާރިސާތަކުގެ އަސަރު އަޅުގަނޑުމެންގެ ވިޔަފާރިއަށް ކުރޭ. މިހުރިހާ ކަމެއްގެ މައްޗަށް އަޅުގަނޑުމެން މިޖެހެނީ ބޮޑު އިމްޕޯޓު ޓެރިފެއް ދައްކަން. މިކަމުގެ ސަބަބުން އަޅުގަނޑުމެން މި ތިބެނީ ބައިނަލްއަޤްވާމީ ވިޔަފާރީގެ ފަހަތުގައި. މިއާއެކު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް ވިޔަފާރި ހުރަސްތައް ނައްތާލަން ޖެހޭ." ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ. އެގޮތުން މިއީ އުނދަގޫ ފިޔަވަޅުތަކެއް ނަމަވެސް ހަމަހަމަކަމާއި، އިންސާފުވެރިކަން އިސްކޮށް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް މިމަހުގެ 7 އިން އިން 13 އަށް އިޓަލީވިލާތައް ކުރައްވާ މި ދަތުރުފުޅަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސެޝަނުގައި ހަވާސާގެ ތެރެއިން ޝިޔާމް ވަނީ އެފްއޭއޯގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މަރިއާ ހެލެނާ ސެމެޑޯ އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރ ސިނާޢާތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އެފްއޭއޯގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލާ ހިއްސާކުރެއްވިއެވެ.