ޚަބަރު

ވިޔަފާރީގެ މުހިންމު މަޝްވަރާތަކަކަށް އިޤްތިޞާދީ ވަޒީރު އެމެރިކާއަށް


  • މިދަތުރުފުޅުގައި އެމެރިކާގެ ވިޔަފާރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ

  • އީ-ވޮލެޓްގެ ޚިދުމަތް ރާއްޖެއަށް ފުޅާކުރުމަކީ މުހިންމު މަޤުޞަދެއް

  • އެމެރިކާގެ ވިޔަފާރިވެރިންގެ މައި ޖަމްޢިއްޔާ"ޗެމްބަރ އޮފް ކޮމަރސް"އާ ބައްދަލުކުރައްވާނެ

ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދު ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެމެރިކާއަށް ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

އިޤްތިޞާދާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ދަތުރުފުޅުގައި އެމެރިކާގެ އިޤްތިޞާދީ ދާއިރާގެ އިސް ބޭފުޅުންނާ ވަޒީރު ބައްދަލުކުރައްވާނެކަމަށެވެ. އަދި އެ ޤައުމުގެ ވިޔަފާރިއާއި ގުޅޭ އިދާރާތަކުގެ އިސްފަރާތްތަކާ ބައްދަލުކުރެއްވުމުގެ އިތުރުން، އެމެރިކާގެ ވިޔަފާރިވެރިންގެ މައި ޖަމްޢިއްޔާ "ޗެމްބަރ އޮފް ކޮމަރސް"ގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.

މި ދަތުރުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުންކަމަށް އިޤްތިޞާދާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ވަޒީރު އެމެރިކާއަށް ދަތުރުފުޅެއް ފަށްޓަވާފައިވާއިރު، ދިވެހިރާއްޖެއަށް ޕޭޕެލްގެ ޚިދުމަތް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ގެނައުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަހަރުގެ މެއި މަހު ވިދާޅުވެފައިވެއެވެ.

ޕޭޕެލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. މި އެޕްލިކޭޝަން ދިވެހިރާއްޖޭގައި ވަރަށް ގިނަ ފަރާތްތަކުން ބޭނުންކުރެއެވެ. ނަމަވެސް ރާއްޖޭގައި ޕޭޕެލް މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ބޭރުގެ ފަރާތަކަށް ފައިސާ ފޮނުވުމަށެވެ. އެހެންކަމުން ދިވެހިންނަށް ޕޭޕެލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެގޮތްކެއް ހޯދުމަށް މަޝްވަރާކުރައްވާނެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ދިވެހިންނަށް އޮންލައިން ޕޭމަންޓު ސިސްޓަމްތައް ނުވަތަ އީ-ވޮލެޓުތައް މެދުވެރިކޮށް މާލީ މުޢާމަލާތްތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. މިހެންވެ ތަފާތު އީ-ވޮލެޓުތައް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވެފައިވަނީ ރާއްޖެއަށް އީ-ވޮލެޓްގެ ޚިދުމަތް ފުޅާކުރުމުގައި އޮތް ގޮންޖެހުމަކީ ރާއްޖޭގެ މާކެޓް ކުޑަވުންކަމަށެވެ. އެހެންކަމުން ވިސްނުމަކީ އަވަށްޓެރި ބައެއް ޤައުމުތައް ހިމެނޭހެން އެއް ޗެނަލަކުން ޚިދުމަތްތައް ތަޢާރަފުކުރެވޭނެ ގޮތެއް ހޯދުންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އެމެރިކާގެ އިތުރުން އެހެނިހެން ޤައުމުތަކުގެ އީ-ވޮލެޓުތައް ތަޢާރަފްކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.