ޚަބަރު

އެމްއެސްއެސްގެ ދަތުރުތައް ސިންގަޕޫރާއި މެލޭޝިއާއަށް


  • ދަތުރު ކުރާނީ މެލޭޝިއާގެ ޕޯޓު ކިލާންގއާއި ސިންގަޕޫރުން ކޮލޮމްބޯއަށް

  • ކޮލޮމްބޯއިން އެމްއެސްއެސްގެ ބޯޓުތަކުގައި މުދާ މާލެ ގެނެވޭނެ

  • ޑިމާންޑު ބޮޑު، ފުރަތަމަ ދަތުރުކުރަނީ ފުލްކޮށް

މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްސްގެ ދަތުރުތައް މެލޭޝިއާ އަދި ސިންގަޕީރަށް ފަށަން ނިންމައިފިއެވެ.

އެމްއެސްއެސްއިން ބުނީ މި ދަތުރުތައް ކުރާނީ މެލޭޝިއާގެ ޕޯޓު ކިލާންގއާއި ސިންގަޕޫރުން ސްރީލަންކާގެ ކޮލޮމްބޯއަށް ކަމަށެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ އެމްއެމްއެސްގެ އަމިއްލަ ބޯޓެއްކަމަށްވާ އެމްއެސްއެސް ގްރެފީންއެވެ. މެލޭޝިއާގެ ޕޯޓް ކިލާންގުން އެމްއެސްއެސްގެ ބޯޓުގެ ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ.

އެމްއެސްއެސްއިން އިތުރު މަންޒިލަކަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ މި ދަތުރުތަކުގައި ބޭނުންކުރާ ބޯޓަކީ އެއްފަހަރާ 500އެއްހާ ކޮންޓެއިނަރ އުފުލުމުގެ ގާބިލްކަން ހުރި ބޯޓެއް ކަމަށެވެ. އަދި މި ދަތުރުތަކަށް ބޮޑު ޑިމާންޑެއް އޮތްކަންވެސް ޝަރީފު ފާހަގަކުރެއްވިއެވެ.

"މި ބަލަނީ ވަށާ ޖެހޭ ދަތުރު 14-15 ދުވަސް، އެހެންވީމަ ކޮޅަކަށް 7 ދުވަސްވަރު، އަދި ވިޔަފާރި އިތުރަށް ކުރިއަށްދާ ވަރަކަށް އިތުރު ބަނދަރުތައް މީގެތެރެއަށް ވަދެގެންދާނެ، ޑިމާންޑު އެބައޮތް، ފުރިގެން މިހާރު އިތުރަށް ނުނަގަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ދަތުރުތަކުގައި މުދާ ފުރަތަމަ ގެންނާނީ ކޮލޮމްބޯ ބަނދަރަށް ކަމަށެވެ. އަދި ކޮލޮމްބޯއިން އެމްއެސްއެސްގެ އެހެން ބޯޓެއްގައި މުދާ މާލެއަށް ގެނެވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެހެން މަންޒިލްތަކަށްވެސް އެމްއެސްއެސްގެ ދަތުރުތައް ފެށުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

"އެކި އެކި ސަރަހައްދުތަކަށް ބޭނުންވާ ބޯޓުތައް ހޯދައިގެން އެކަން ކުރުމުގެ ވިސްނުމުގައި މި ތިބީ، ފައިސާ ހަމަޖެހޭ ވަރަކަށް އެކަން ކުރަން ރާވާފައި އޮތީ،" ޝަރީފް ވިދާޅުވިއެވެ.

އެމްއެސްއެސްގެ ފްލީޓުގައި 5 ބޯޓު އޮވެއެވެ. އެކުންފުނިން މިހާރު ދަތުރުތައް ކުރަނީ ކޮލޮމްބޯއިން މާލެއަށް އަދި ދުބާއީން މާލެއަށެވެ. އަދި 30 އަށްވުރެ ގިނަ ގައުމުގައި އެކުންފުނީގެ އެޖެންޓުން ތިބޭ އިރު، އެކުންފުނީގެ ކޮންޓެއިނަރގެ އަދަދު 2000އަށްވުރެ ގިނައެވެ.

އެމްއެސްއެސްއިން ބުނީ ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ރާއްޖެއަށް މުދާ ގެނައުމުގެ ޤާބިލްކަން އެކުންފުނީގައި މިހާރު އެބަހުރި ކަމަށެވެ.