ކުޅިވަރު

ތުރުކީ ސަޕޯޓަރުންގެ އަޑުތައް ހުއްޓުވަން ފަސޭހައެއްނުވާނެ: ކޫމަން


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ ތުރުކީއާ ދެކޮޅަށް ނިކުތުމުގެ ކުރީން، ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ބުނީ، ތުރުކީގެ ސަޕޯޓަރުންގެ ތަރުހީބުގެ އަޑުތައް ހުއްޓުވުމަށް އުނދަގޫވާނެ ކަމަށާއި، އެފަދަ މާހައުލެއްގައި ކުޅުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށާއި، އޭނާގެ ޓީމުން ކުރަންޖެހޭނެ ކަމަކީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުން ކަމަށާއި، އެކަން ކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

ކޫމަން މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރުމޭނިއާ އެކޭ އެއްގޮތަށް ތުރުކީގެ ފަރާތުން ވެސް ފެންނާނީ ހިތްވަރުގަދަކޮށް ރަނގަޅު ކުޅުމެއް ކަމަށާއި، ނެދަލެންޑްސް ހުރިހާ ވަގުތެއްގައި ވެސް ފުރިހަމައަށް ތައްޔާރުވެ، ތިބެންޖެހޭނެ ކަމަށާއި، އޭނާގެ ޓީމުގެ ގާބިލްކަމާ އެއްވަރަށް މެޗުގައި ކުޅެން ޖެހޭނެ ކަމަށް ވެސް ކޫމަން ބުންޏެވެ.

ކޫމަން ވަނީ، އިއާން މާޓްސެން ބަލިވެގެން ޓީމާއެކު މެޗު ކުޅުމަށް ދަތުރުނުކުރާ ކަމަށާއި، އޭނާ ވުލްފްސްބާގުގައި މަޑުކޮށްފައިވާއިރު ޖުމްލަކޮށް ސްކޮޑުގައި ދެން ތިބި ހުރިހާ ކުޅުންތެރިންވެސް މެޗަށް ފިޓްކަމަށް ބުނެފައެވެ.

އެ ޓީމުގެ ސްޓީވެން ބާގްވިން، އެހެން ކުޅުންތެރިންނާ ވަކިން ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވީނަމަވެސް އޭނާ ވެސް މެޗަށް ފިޓްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، އެކަމާ މެދު ވަކި ގޮތެއް ނިންމާނީ މެޗުގެ ކުޅުން އޮންނަ ދުވަހުގައި ކަމަށް ކޫމަން ބުންޏެވެ.

ނެދަލެންޑްސްގެ ޑިފެންޑަރު، ޑެންޒެލް ޑަމްފްރީސް ބުނީ، މެޗަށް އިތުރު މޯޓިވޭޝަނެއް ބޭނުންނުވާ ކަމަށާއި، އެއީ މުބާރާތުގެ ކުއާޓާ ފައިނަލް މެޗަށް ވުމުން އުނދަގޫވާނެ ކަމަށެވެ. އަދި ނެދަލެންޑްސް އިން ހުރިހާ ވަގުތެއްގައި ފޯކަސްކޮށްގެން ތިބެ، ރަނގަޅު އެނާޖީއާއެކު ކުޅެން ޖެހޭނެ ކަމަށް ވެސް ޑަމްފްރީސް ބުންޏެވެ.

ތުރުކީއާ ދެކޮޅަށް ނެދަލެންޑްސް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.