ޚަބަރު

ސްވިޒަލެންޑުން ބުނަނީ އިންގްލެންޑަށް މައްސަލަތައް ކުރިމަތިކޮށް، ފަސޭހަނުކުރާނެ ކަމަށް


"
އަހަރެމެން ރަނގަޅު ކުޅުމެއްދައްކައި، މިހާތަނަށްއައިއިރު ބޮޑެތި ޓީމުތަކަށް މައްސަލަތައް ކުރިމަތިކޮށްފިން
ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރީން، ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން ވަނީ، ސްވިޓްޒަލޭންޑް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި، ވަރަށް އިތުބާރު އެބައޮތް ކަމަށާއި، މުބާރާތުގައި މިހާތަނަށް އޭނާގެ ޓީމުން ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތައް ހޯދާފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން، ޔަކީން ބުނީ، ސްވިޓްޒަލޭންޑުން މިހާތަނަށްއައިއިރު އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީ އާއި މުބާރާތުގެ ހޯސްޓް، ޖަރުމަނާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، ކުރިއަށް އޮތް މެޗުގައި އިންގްލެންޑަށް ވެސް މައްސަލަތައް ކުރިމަތިކުރުވާނެ ކަމަށެވެ.

ޔަކީން މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"އަހަރެމެން އެންމެން މި މަސައްކަތްކުރަނީ އެއް އަމާޒަކަށް ވާސިލްވުމަށް، މި ހިސާބަށް އާދެވުމުން ވަރަށް އުފާވޭ،"

އިންގްލެންޑާ ދެކޮޅަށް ނިކުންނަ މެޗަކީ ކެރިއަރުގެ ބޮޑު މެޗަށް ވެދާނެ ކަމަށް ކުރި ސުވާލަށް ޖަވާބުދެމުން ޔަކީން ބުނީ، މިހާތަނަށް އެ ސުވާލު ތިން ފަހަރެއްގެ މަތީން ކޮށްފައިވާ ކަމަށާއި، ޖަރުމަނުން އެނބުރި ގައުމަށްދިއުމުގެ ކުރީން އަދި އިތުރު ދެ ފަހަރު އެ ސުވާލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި މިއީ ވަރަށް ހާއްސަ މެޗެއް، އަދި އެއްފަހަރު އަންނަ ހަފްތާގައި އެ ސުވާލުކުރާނެ ކަމަށް ހީކުރަން." ޔަކީން ބުންޏެވެ.

އިންގްލެންޑުން ކުރާނެ ކަމެއް ނޭނގުނަސް، އެ ޓީމުގައި ކޮލިޓީ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށް ޔަކީންގެ ވާހަކައިގައި ފާހަގަކުރިއެވެ. ޔަކީން ބުނީ، ޓީމު ތެރޭގައި މޫޑު ހުރީ ރަނގަޅަށް ކަމަށާއި، އެންމެން އެކުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އަދި މިވަގުތު ސްވިޓްޒަލޭންޑް ޓީމުގައި އަނިޔާގެ މާބޮޑު މައްސަލައެއް ނެތް ކަމަށާއި، ހާއްސަކޮށް އެ ޓީމުގެ ކެޕްޓަން، ގްރޭނިޓް ޒާކާ ވެސް ޓީމާއެކު އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށާއި، ކުރިއަށް އޮތް މެޗުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ޔަކީން ބުންޏެވެ.

އިންގްލެންޑާ ދެކޮޅަށް ސްވިޓްޒަލޭންޑް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 9 ޖަހާއިރު އެވެ.