ޚަބަރު

ޕެޕޭ އަކީ ޕޯޗްގަލް ފުޓްބޯޅަ އަށް ހުރި 'ފުރިހަމަ' ނަމޫނާއެއް!


ޑިފެންޑަރ ޕެޕޭ އަކީ ޕޯޗްގަލް ފުޓްބޯޅައިގެ ޖެނެރޭޝަންތަކަށް ދެމިގެންދާނެ ފުރިހަމަ ނަމޫނާއެއް ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލްގައި ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން ޕޯޗްގަލް ކެޓި މެޗަށްފަހު މާޓިނޭޒް ވަނީ ޕެޕޭ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ޕެނަލްޓީގައި ނާކާމިޔާބު ވުމުން އެންމެ ބޮޑަށް މާޔޫސްވެ، ރޮއި ކުޅުންތެރިއަކީ 41 އަހަރުގެ ޕެޕޭ އެވެ. މެޗަސްފަހު މާޓިނޭޒް ބުނީ ޕެޕޭ ލޮލުން ފޭބި ކަރުނައަކީ ބަލިވުމުގެ 'މާޔޫސްކަން' ކަމަށެވެ. ޕެޕޭ އަކީ ޕޯޗްގަލް ފުޓްބޯޅައަށް ހުރި ނަމޫނާއެެއް ކަމަށާއި، މުޅި މުބާރާތުގައި ޕެޕޭ ދެއްކި ކުޅުން ޕޯޗްގަލް ޓީމާއެކު އަބަދުވެސް މިސާލެއްގެ ގޮތުގައި ދެމިގެންދާނެކަން މާޓިނޭޒް ފާހަގަކުރިއެވެ.

"
ޕެޕޭ އަކީ ޕޯޗްގަލް ފުޓްބޯޅަ އަށް ހުރި ނަމޫނާއެއް. މިރޭ (ފްރާންސާ ދެކޮޅަށް) އަދި މުޅި މުބާރާތުގައިވެސް ޕެޕޭ ދެއްކި ކުޅުން އަހަރެމެންނާއެކު ޕޯޗްގަލްގެ ކުރިއަށް އޮތް ޖެނެރޭޝަންތަކަށް ދެމިގެންދާނެ
ރޮބާޓޯ މާޓިނޭޒް / ޕޯޗްގަލް ކޯޗު

ފްރާންސް އަތުން ބަލިވި މެޗުގައި 120 މިނިޓް، ކުޅެ ޕެނަލްޓީއާ ހަމައަށްވެސް ޕެޕޭ ދިޔައެވެ. މޮޅު ޓެކްލްތަކެއް ކޮށް، ގޯލެއް ޖެހުމުން އުފާފާޅުކުރާނެ ފަދައިން ޕެޕޭ އުފާފާޅުކުރިތަން ކިތަންމެ ފަހަރަކު ފެނުނެވެ. ޕޯޗްގަލްގެ ސެންޓްރަލް ޑިފެންޑަރެއްގެ ގޮތުގައި 41 އަހަރުގައި ޕެޕޭ ދެއްކީ މޮޅު، ހިތްވަރުގަދަ ކުޅުމެކެވެ. ކްއާޓާ ފައިނަލުން ޖާގަ ހޯދި މެޗުގައިވެސް މެޗުގެ އިތުރު ވަގުތާ ހަމައަށް ދިޔައިރުވެސް ޕެޕޭ ހުރީ ދަނޑުމަތީގައެވެ. ޕެޕޭ އަކީ ޔޫރޯގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އަދި ޔޫރޯގެ ތާރީޚުގައިވެސް ނޮކްއައުޓް ބުރުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

ޕެޕޭގެ ލޮލުން ފޭބި ކަރުނަތަކާއެކު އޭނާއަށް އެންމެބޮޑު ހިތްވަރެއް ދޭން މަސައްކަތްކުރީ 2004 ވަނަ އަހަރުން ފެށިގެން ޕެޕޭއާއެކު ގައުމީ ޓީމަށް ކުޅެމުން އަންނަ ކެޕްޓަން ރޮނަލްޑޯ އެވެ. މިއީ އެދެކުޅުންތެރިންގެ ފަހު މުބާރާތަށް ވެދާނެއޯ މިއީ މިވަގުތު އޮތް ބޮޑު ސުވާލެކެވެ. ޔަގީނުންވެސް މިއީ އެ ދެކުޅުންތެރިންގެ ފަހު ޔޫރޯއެވެ. ނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާމެދު އަދި ގޮތެއް ނުނިންމައެވެ. އެސުވާލު ޕެޗަށްފަހު ކޯޗު ރޮބާޓޯ މާޓިނޭޒްއާ ކުރުމުން ބުނީ އެ ކުޅުންތެރިންގެ އަމިއްލަ ނިންމުމެއް އަދި ނެތް ކަމަށެވެ.