ޚަބަރު

އެއްގަމު އުޅަނދުތަކާއި ސިނގިރޭޓު ހިމެނޭހެން ކުރިންދެމުންދިޔަ އިމްޕޯޓު އިނާޔަތް ކަނޑާލަނީ


  • ޞިއްޙަތަށާއި ޤައުމުގެ ތިމާވެއްޓަށް ގެއްލުންވާ ބާވަތްތަކުން އިނާޔަތް ކަނޑާލަނީ

  • އެންމެ ގިނަ މީހުން އިނާޔަތް ބޭނުންކުރަނީ އެއްގަމާއި ކަނޑުގެ އުޅަނދު އެތެރެކުރުމަށް

  • ސިނގިރެޓުން އިނާޔަތް ކަނޑާލާނީ 1 އޮގަސްޓުން ފެށިގެން

  • ވެހިކަލް، ޕްލާސްޓިކް، އެނަރޖީ ޑްރިންކްސްއިން 1 ޖުލައިއިން ފެށިގެން އިނާޔަތްވަނީ ކަނޑާލާފައި

އެއްގަމާއި ކަނޑު އުޅަނދުތަކުގެ އިތުރުން ސިނގިރޭޓު ހިމެނޭހެން ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތްތައް އެތެރެކުރުމަށް ދެމުންދިޔަ ޢިނާޔަތްތައް ކަނޑާލުމަށް މޯލްޑިވްސް ކަސްޓަމްސްއިން ނިންމަވައިފިއެވެ.

އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިބަދަލަށް އަމަލުކުރަން ފެށުމަށް ކަސްޓަމްސްއިންދަނީ ތައްޔާރުވަމުންނެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ، އިޤްތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން މީގެކުރިން ރާއްޖެއަށް އެތެރެކުރާއިރު ޢިނާޔަތްތައް ލިބުނު ބައެއް ބާވަތްތަކުން ޢިނާޔަތް ކަނޑާލުމަށް މިހާރުވަނީ ނިންމަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒް ވިދާޅުވީ، އަމިއްލަ ބޭނުންތަކަށް ރާއްޖެއަށް މުދާ އެތެރެކުރުމަށް ދައުލަތުން ދެމުންގެންދިޔަ އިނާޔަތް އެންމެ ބޮޑަށް ބޭނުންކުރަމުންދަނީ އެއްގަމު އުޅަނދު އެތެރެކުރުމަށްކަމަށެވެ. ޚާއްސަކޮށް ސައިކަލު އެތެރެކުރަމުންދާކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ، ކަސްޓަމްސްގެ އާއްމު ގަވާއިދަށް ގެނެވުނު އިސްލާހާއެކު އެއްގަމު އުޅަނދާއި ކަނޑު އުޅަނދު އެތެރެކުރުމުގެ ޢިނާޔަތް ކަނޑާލާ ކުރިއަށް އޮތްތަނުގައި އެތަކެތިން ޑިއުޓީ ނަގަމުންދާނެކަމަށެވެ.

"މާލެ ސަރަޙައްދަށް ބަލާއިރު ވެހިކަލް ގިނަވުމުގެ ސަބަބުން ވަރަށްބޮޑަށް އެބަ ބާރު ބޮޑުވޭ. އެހެންކަމުން އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ވެހިކަލް އެތެރެކުރެވޭ މިންވަރު މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއިނާޔަތް މިކަނޑާލަނީ. ހަމަމިއާއެކު ކަނޑު އުޅަނދުތައް އެތެރެކުރުމުގައިވެސް މިގޮތަށް ޢަމަލުކުރާނީ." ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، ޞިއްޙީ ދާއިރާއަށް ބަލާއިރު ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެނަރޖީ ޑްރިންކް އެތެރެކުރުމަށް ދެމުންދިޔަ އިނާޔަތްތައް އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑާލާނެކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރާއްޖެއަށް އެންމެ ސިނގިރޭޓު ފޮށްޓެއް އެތެރެކުރިނަމަވެސް އޭގެއިން ޑިއުޓީ ނަގާނެކަމަށް ނިޒާޔް ވިދާޅުވިއެވެ. ޞިއްޙީ ގޮތުން އެތައް ގެއްލުމެއް ލިބެމުންދާ ބާވަތެއްކަމަށްވާ އެނަރޖީ ޑްރިންކްސްއަކީވެސް މީގެކުރިން އިނާޔަތް ލިބިގެން އެތެރެކުރާ އެއްޗެއް ނަމަވެސް މިފުރުސަތުވެސް ހަނިކުރުމަށް ނިންމާފައިވާކަން ނިޔާޒް ފާހަގަކުރެއްވިއެވެ.

"މިގެނައި ބަދަލާއެކު ދަތުރުވެރިއަކުވިޔަސް އަދި ދިވެއްސަކަސް ރާއްޖެއަށް އެންމެ ސިނގިރެޓު ފޮށްޓެއް ގެނަޔަސް އޭގެއިން ޑިއުޓީ ނެގޭނެ." ނިޔާޒް ވިދާޅުވިއެވެ.

މިބާވަތްތަކުގެ އިތުރުން އަމިއްލަ ބޭނުންތަކަށް އެތެރެކުރި ނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުންވެސް ކުރިއަށް އޮތްތަނުގައި ޢިނާޔަތްތައް ނުލިބޭގޮތަށްވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު އަމިއްލަ ބޭނުންމަށް އިމްޕޯޓުކުރާ ތަކެއްޗަށް ކަސްޓަމްސްއިން ދެމުންދާ އިނާޔަތްތަކުގެ ބޭނުން ނަހަމަގޮތުގައި ވިޔަފާރީގެ ބޭނުމަށް ހިފާނަމަ އެފަރާތްތަކަށްވެސް އިނާޔަތް ދިނުން ހުއްޓާލުމަށްވަނީ ނިންމާފައެވެ. ރާއްޖޭގެ ތިމާވެއްޓާއި ދިވެހީންގެ ޞިއްޙަތު ސަލާމަތްކުރުމަށް އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އެޅުމުގައި ކަސްޓަމްސްއިން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަޤީންކަން އެމުއައްސަސާއިންދެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން އަމިއްލަ ބޭނުންތަކަށް އެތެރެކުރާ ކުދި ކުދި ބާވަތްތަކުން ދެމުންދިޔަ އިނާޔަތް 6000 ރުފިޔާއިން 10000 ރުފިޔާއަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންވަނީ ބަދަލުކޮށްފައެވެ. އަދި ހަމައެއާއެކު މީގެކުރިން އިނާޔަތް ދެމުންދިޔަ ބައެއް ބާވަތްތަކުން އިނާޔަތްވަނީ ކަނޑާލާފައެވެ.