ޚަބަރު

ހުޅުމާލޭ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި


  • ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް

  • މިފަހަރު ދޫކުރަން ހަމަޖެހިފައިވަނީ 73.33 އަކަފޫޓުގެ 5 ގޮޅި

  • ލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ގައި

ހުޅުމާލޭ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ހުޅުވާލައިފިއެވެ.

އެޗް.ޑީ.ސީން ބުނީ ގޮޅި ކުއްޔަށް ދޫކުރެވޭނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ ފަރާތަކަށް ކަމަށެވެ. އަދި ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ބީލަން ހުޅުވުން އޮންނާނީވެސް ހަމަ އެ ދުވަހުކަމަށާއި ގޮޅި އިޚްތިޔާރުކުރުން އޮންނާނީ 18 ޖުލައިގައި ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗް.ޑީ.ސީން ބުނީ މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 73.33 އަކަފޫޓުގެ 5 ގޮޅި ކަމަށެވެ. އަދި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި ގޮޅިތަކުގެ ބީލަން ފެށޭ އަގަކީ މަހަކު 3،500 ރުފިޔާއެވެ.

ބީލަމަށް ފޯމު ހުށައަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

• ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ރަޖިސްޓަރކޮށްފައިވާ ވިޔަފާރިވެރިއެއްކަމުގައިވުން
• މީލާދީގޮތުން 18 އަހަރު ފުރިފައިވުން
• ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިންގުމުގެ އެއްބަސްވުމެއްގައިވާ ފަރާތެއްކަމުގައި ނުވުން
• އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ހުރި ފަރާތެއްކަމުގައި ނުވުން

އެޗް.ޑީ.ސީން ބުނީ ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިފުމުގެ ފުރުސަތު ލިބިފައިވާކަން އަންގާ ސިޓީ ފޮނުވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ލީސް ޑިޕޮސިޓުގެ ގޮތުގައި 3 މަސް ދުވަހުގެ ކުލި ދައްކަންވާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ރަސްމީ 7 ދުވަސް ތެރޭ ގޮޅި ހަވާލުކުރެވޭނެކަމަށް ވެސް އެކޯޕަރޭޝަނުން ބުނެއެވެ.

ގޮޅިއަށް ބީލަން ހުށައެޅުމަށް، ހުށައަޅަންޖެހޭ ފޯމާއި އިތުރު މަޢުލޫމާތު އެޗް.ޑީ.ސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.