ކުރިއަރ ޚިދުމަތް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި މާލެއިން 31 އަހަރުގެ ދިވެހި ފިރިހިނެކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެމީހާ ހައްޔަރުކޮށް، ކުރިއަރު ސާވިސް މެދުވެރިކޮށް އޭނާ ހަވާލުވި ޕާރުސަލް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ކާޓްރިޖް ފެނިފައިވާކަން ފުުލުހުންވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުންގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.