ޚަބަރު

މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ރާއްޖެއިން ބޭރުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި


  • ސްކޮލަރޝިޕްގެ 6 ފުރުސަތަކަށް ވަނީ ހުޅުވާލާފައި

  • މިއީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާ ގުޅިގެން ހުޅުވާލި ފުރުސަތެއް

  • ކުރިމަތިލުމުގެ ސުންގަޑިއަކީ 1 ސެޕްޓެމްބަރު

މަސްވެރިކަމާއި ގުޅުންހުރި އެކި ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްތަކަށް ހުޅުވާލާފައިވަނީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާ ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުންނެވެ.

ތަފާތު އެކި ދާއިރާތަކުން ސްކޮލަރޝިޕްގެ 6 ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ:

• މެރިން ސައިންސްގެ ދާއިރާއިން މާރސްޓާސް ޑިގްރީ - 1 ފުރުސަތު
• އެކުއަކަލްޗަރގެ ދާއިރާއިން ބެޗްލަރސް ޑިގްރީ - 2 ފުރުސަތު
• މެރިން ސައިންސް / މެރިން ބަޔޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ - 2 ފުރުސަތު
• ވެޓެރިނަރީ ސައިންސް (އެކުއަރޓިކް) ގެ ދާއިރާއިން ބެޗްލަރސް ޑިގްރީ - 1 ފުރުސަތު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްތަކަށް އެދި 1 ސެޕްޓެމްބަރ ގެ ކުރިން ހުށައެޅޭނެކަމަށެވެ.

މި ސްކޮލަރޝިޕްތަކުގެ ޝަރުތުތަކަށް ބަލާއިރު މާރސްޓާސް ޑިގްރީ އެއްނަމަ ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ބެޗްލަރސް ޑިގްރީ އެއްނަމަ ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީ އަކުން އެކްސެޕްޓަންސް ހޯދުމަށް ބޭނުންވާ ލިޔުމެއް އެ ވުޒާރާއިން ފޯރުކޮށް ދެވޭނެއެވެ.

މަސްވެރިކަމުގެ ސިނާއަތައް ޒުވާނުންނެރެ މި ދާއިރާއިން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.