ކުޅިވަރު

އެނބުރި އޮސްޓްރިއާއަށް ދާންޖެހުން ގަބޫލުކުރަން ދަތި: ރަންގްނިކް


ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި ރޭ ތުރުކީ އަތުން 2-1 އިން ބަލިވި މެޗަށްފަހު އޮސްޓްރިއާގެ ކޯޗު، ރަލްފް ރަންގްނިކް ބުނީ، މިހާ ހިސާބުން އޮސްޓްރިއާ ޓީމު އެނބުރި ގައުމަށްދާން ޖެހޭކަމަށް އޭނާއަށް ގަބޫލުނުކުރެވޭ ކަމަށާއި، އުއްމީދުކޮށްގެން ހުރީ މުބާރާތުގައި އިތުރަށް ކުރިއަށްދެވޭނެ ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަންގްނިކް ބުނީ، އޭނާގެ ޓީމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނުކަމަށާއި، ސެޓްޕީސްތަކުގައި ރަނގަޅަށް ޑިފެންސްވެސް ނުކުރެވުނު ކަމަށެވެ.

އަދި ނަސީބުއެހީވެ، އިތުރުވަގުތަށް ދިޔަ ނަމަ އޭނާގެ ޓީމަށް ނަތީޖާ ބަދަލުކޮށްލެވުނީސް ކަމަށް ފާހަގަކޮށް ރަންގްނިކް ބުނީ، އެއްވަރުކޮށްލަން ލިބުނު ފުރުޞަތުގެ ބޭނުންހިފުނުނަމަ ތަފާތުވެގެންދިޔައީސް ކަމަށެވެ. އެހެންނަމަވެސް، އެމީހުންގެ ގޯލުގައި ހުރީ ގޯޑަން ބޭންކްސް (މަޖާޒީ ގޮތަކަށް) ރަންގްނިކް ބުންޏެވެ.

ރަންގްނިކް ބުނީ، މުބާރާތުގައި އެ ޓީމުން ކުޅުނު ހަތަރު މެޗުގައި ވެސް ފެނިގެންދިޔައީ ވަރަށް ބަލާހިތްވާ ކަހަލަ ކުޅުމެއް ކަމަށާއި، މެޗުތަކުގައި ހުރިހާ ކަމެއް އެންމެ ބޭނުންވާ ގޮތަށް ނުވިނަމަވެސް ޖުމްލަކޮށް ހުރިހާ މެޗެއްވެސް ދިޔައީ ރަނގަޅަށް ކަމަށެވެ.

މިހާ ހިސާބުން އޮސްޓްރިއާ ކުރަމުންދިޔަ މަސައްކަތް ނިންމާލެވެން ނެތް ކަމަށާއި، ކުރިއަށް އޮތް ނޭޝަންސް ލީގާއި ވޯލްޑް ކަޕް ކޮލިފައިންގައި މި ކުޅުން ތަކުރާރުކުރަންޖެހޭނެ ކަމަށް ވެސް ރަންގްނިކް ވަނީ ބުނެފައެވެ.

އޮސްޓްރިއާގެ މިޑްފީލްޑަރު، ކްރިސްޓޯފް ބައުމްގާޓްނާ ބުނީ، "މިއީ ހަޔާތުގައި މިހާތަނަށް ކުރިމަތިލާންޖެހުނު އެންމެ ހިތާމަވެރި ދުވަސް،"

ބުނަން ބޭނުންވާ އެއްޗެއް ބަޔާންކޮށްދޭން ވެސް ނޭނގޭ ކަމަށާއި، މެޗަށް ނިކުތީ މޮޅުވާން ކަމަށާއި އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށްފައިވާ ކަމަށް ބައުމްގާޓްނާ ބުންޏެވެ. އަދި އާހިރުގައި އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވުމުން މެޗު ކާމިޔާބުކުރެވޭ ގޮތް ނުވި ކަމަށާއި، މިއީ އޮސްޓްރިއާ އަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށް ވެސް ބައުމްގާޓްނާ ވަނީ ބުނެފައެވެ.