ޚަބަރު

އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާގެ އެހީ 37 ފަރާތަކަށް ހަމަޖެހިއްޖެ


  • އާސަންދަ މެދުވެރިކޮށް މި ފަރުވާ ލިބޭނެ ގޮތް ހެދުމަކީ ރައީސްގެ ރިޔާސީ ވަޢުދެއް

  • މި ޙިދުމަތަށް އެދި ހުޅުވާލީ 16 މާރިޗުގައި

  • ފުރަތަމަ ބުރަށް ހުޅުވާލުމުން 153 ފަރާތެއް ފޯމު ހުށަހެޅި

އައި.ވީ.އެފް ފަރުވާއަށް ފުރަތަމަ ބުރުގައި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 37 ފަރާތެއް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޝަރުތު ހަމަވެ، އާސަންދަ މެދުވެރިކޮށް އެހީ ހަމަޖެހިފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ.

މި ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ވަނީ އެކުލަވާލާފައެވެ.

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ދެ ފަރުވާއެއް ކަމަށްވާ، އައި.ވީ.އެފްއާއި އައި.ޔޫ.އައިއަށް ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 16 މާރިޗު 2024 ގައެވެ. ފުރަތަމަ ބުރަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މޭމަހުގެ 15 ދުވަހުގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި "އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ލިސްޓު އެންސްޕާއިން މިހާރު ވަނީ އާންމުކުރައްވާފައެވެ.

2024 ވަނަ އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ 100 ދެމަފިރިންނަށެވެ.

އެންސްޕާއިން ވިދާޅުވީ، 15 މޭ 2024 ގެ ނިޔަލަށް ފޯމު ހުށަހެޅުއްވި 153 ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، 37 ފަރާތަކަށް އެހީ ހަމަޖެހިފައިވާކަމަށެވެ. މި އެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 32 ފަރާތެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާއިރު، 84 އެޕްލިކޭޝަނެއްގެ ލިޔެކިޔުން ހަމަނުވާކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ޖުލައި 2024 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭގޮތުން އެ އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް އެންސްޕާއިން ވިދާޅުވިއެވެ. އެންސްޕާއިން ވަނީ 15 މޭ 2024 ގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކާއި، އަލަށް އެހީއަށްއެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް 31 ޖުލައި 2024 ގެ 14:00 ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދެއްވާފައެވެ.


އެ އެޖެންސީން ވިދާޅުވީ، މިއެހީއަށް ޝަރުތުހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށްވެސް، 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ޖުލައި 2024 ގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި 10 ޖުލައި 2024 ގެ ނިޔަލަށް ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކުގެ ޝަކުވާތަކަށް ރިޢާޔަތްކޮށް، ޝާއިޢު ކުރެވިފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހޭކަމުގައިވާނަމަ، މުރާޖަޢާ ކުރެވިފައިވާ ލިސްޓު 15 ޖުލައި 2024 ގައި ޝާއިޢުކުރެވޭނެކަމަށްވެސް އެންސްޕާއިން ވިދާޅުވެއެވެ.