ޚަބަރު

ތުރުކީން މިހާރަށްވުރެ އިތުރަށް ލަނޑުޖަހަންޖެހޭ: މޮންޓެލާ


ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި މިރޭ އޮސްޓްރިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން، ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ ބުނީ، މުބާރާތުގެ މިހާ ހިސާބަށް އައިއިރު ތަފާސްހިސާބުތަކަށް ބަލާލިޔަސް ތުރުކީ އަކީ އުފެއްދުންތެރި، ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރަމުން އަންނަ ޓީމެއްކަން ފެނިގެންދާ ކަމަށާއި، އެ ފުރުޞަތުތައް ނިންމާލުމުގައި ހުރި ގޮންޖެހުންތަކަށް ނިމުމެއް ގެނެސް މިހާރަށްވުރެ އިތުރަށް ލަނޑުޖަހަންޖެހޭނެ ކަމަށެވެ.

މޮންޓެލާ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މުބާރާތުގައި މިހާތަނަށް ތުރުކީން ޖެހި ފަސްލަނޑުވެސް ޖަހައިދީފައިވަނީ ތަފާތު ފަސް ކުޅުންތެރިންކަން ފާހަގަކޮށް މޮންޓެލާ ބުނީ، ޕެނަލްޓީއެއްގެ އިތުރުން ސެޓްޕީސްއެއްގައި ނުވަތަ ބައިކޮޅަށް ގޯލެއް ވެސް ޖެހިފައިނުވާކަމަށް ވެސް ބުނެފައިވެއެވެ. މެޗުގައި ބޯޅަ ގެންގުޅުމުގައި ރަނގަޅު ކުޅުމެއްދައްކަމުންއަންނަ ކަމަށާއި، މިހާރު ކުރަންޖެހޭ ހަމައެކަނި ކަމަކީ އެ ފުރުޞަތުތަކުން ގޯލެއް ކާމިޔާބުކުރުން ކަމަށް ވެސް މޮންޓެލާ ވަނީ ބުނެފައެވެ. އަދި، މެޗެއްގައި ހަމަޖެހިލައިގެން ކުޅުން ވަރަށް މުހިއްމުކަމަށް ވެސް މޮންޓެލާ ބުންޏެވެ.

އޮސްޓްރިއާ ހިމެނުނު ގްރޫޕު ފެނުނީ ވަރަށް ބެލެންސްކޮށް ކަމަށާއި، އެ ގްރޫޕުން އޮސްޓްރިއާގެ އިތުރުން ފްރާންސް ނުވަތަ ނެދަލެންޑްސް އަށް ވެސް އެއްވަނަ މަގާމު ލިބޭނެ ކަމަށް ވެސް މޮންޓެލާ ބުންޏެވެ. އެހެންކަމުން އޮސްޓްރިއާ އަށް އެ ގްރޫޕުން އެއްވަނަ ލިބުމަކީ ހައިރާންވާންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް މޮންޓެލާ ވަނީ ބުނެފައެވެ.

އޮސްޓްރިއާ އާ ދެކޮޅަށް މީގެކުރިން ކުޅުނު މެޗާއި މި ފަހަރުގެ މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗު ހުރިހާ ގޮތަކުން ތަފާތުވާނެ ކަމަށް މޮންޓެލާ ވަނީ ބުނެފައެވެ. މިފަހަރުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މުޅިން ތަފާތު އެހެން ގައުމެއްގައި ކަމަށާއި، މުޅިން އެހެން މާހައުލެއްގައި ތަފާތު މުބާރާތެއްގައި ކަމަށްވުމުން އޮސްޓްރިއާ އަތުން 6-1 އިން ބަލިވި މެޗާ ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށް ވެސް މޮންޓެލާ ބުންޏެވެ.

އޮސްޓްރިއާ އަކީ ޓްރާންސިޝަންތަކުގައި ވަރަށް އެގްރެސިވްކޮށް ކުޅޭ، ފިޒިކަލީ ވެސް ވަރަށް ވަރުގަދަ ޓީމެއް ކަމަށް ވެސް މޮންޓެލާގެ ވާހަކައިގައި ފާހަގަކުރިއެވެ.

ޒުވާން ކުޅުންތެރިންނަށް ތުރުކީ ޓީމުގައި އޮތް ފުރުޞަތުތަކާ ގުޅޭގޮތުން މޮންޓެލާ ބުނީ، އޭނާގެ ޓީމުގެ ފުރަތަމަ އެގާރައިގައި އާރްދާ ގުލާ އާއި ކެނާން ޔިލްޑީޒް ފަދަ ކުޅުންތެރިންނަށް ފުރުޞަތުދީފައިވުމުން ތުރުކީގައި ޒުވާން، އުމުރުން ހަގު ކުޅުންތެރިންނަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމާއި، އެ ފުރުޞަތު ހުޅުވިފައި އޮތްކަން އެނގިގެންދާނެ ކަމަށެވެ.

މުބާރާތުގެ ގަދަ 16 ބުރުގައި އޮސްޓްރިއާ އާ ތުރުކީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.