ޚަބަރު

މިދިޔަ ސަރުކާރުގައި ޙަވާލުކޮށް ވީނުވީއެއް ނޭނގުނު 61 ޕޮލިސް ސްޓޭޝަން މަޝްރޫޢުގެ އޮޑިޓެއް ހަދަނީ


  • 61 ޕޮލިސް ސްޓޭޝަނެއް އެޅުމަށް ވަނީ ފައިސާވެސް ދައްކާފައި

  • އެއްވެސް ސްޓޭޝަނެއްގެ ޢަމަލީ މަސައްކަތް ފެށިފައެއް ނުވޭ

  • ސްޓޭޝަންތައް ހަދަން ހަވާލުކުރީ އިންޑިޔާގެ ދެ ކުންފުންޏަކާ

މިދިޔަ ސަރުކާރުން ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަނެއް ހަދަން އިންޑިއާގެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދިނުމަށްފަހު، އެ ސްޓޭޝަންތަކުގެ އެއްވެސް ޢަމަލީ މަސައްކަތެއް މިހާތަނަށް ފެށިފައިނުވާތީ އެކަން ހިނގާދިޔަ ގޮތް ބެލުމަށް އޮޑިޓްކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އަޒާން ވަނީ ކުރީ ސަރުކާރުގައި އެޅުމަށް ހަވާލުކުރި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް މިހާރު ގޮސްފައިވާގޮތް ސާފުކުރުމަށް ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މިދިޔަ ސަރުކާރުގައި ޕޮލިސް ސްޓޭޝަންތަކެއް ޢިމާރާތް ކުރުމަށް ބޭރުގެ ކުންފުންޏަކަށް ޙަވާލުކޮށްފައިވާކަމަށާއި، ނަމަވެސް އެކަމުގެ ޢަމަލީ މަސައްކަތް ކުރިއަށް ނުދާކަމަށެވެ.

އެގޮތުން 61 ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ، މަޝްރޫއު ހިނގާފައި އޮތްގޮތާއި، އެ މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުންތަކީ ކޮބައިކަން ދެނެގަތުމަށް އޮޑިޓެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި މި އޮޑިޓު ނިމުމުން އެ މަޝްރޫޢުއަށް ވެފައި އޮތް ގޮތެއް އެނގޭނެކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ. ޝުޖާއު ވަނީ މިދިޔަ ސަރުކާރުގައި އެހާ ގިނަ ޢަދަދެއްގެ ޕޮލިސް ސްޓޭޝަންތަކެއް އެޅުމަށް އިންޑިއާގެ ކުންފުންޏަކަށް ހަވާލުކޮށްފައިވަނީ ފުލުހުންގެ ޚިދުމަތަށްވެސް ނޭނގިކަމަށް ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުގައި އެ ޕޮލިސް ސްޓޭޝަންތައް އެޅުމަށް އިންޑިއާގެ ކުންފުންޏަކާ ޙަވާލުކޮށް ފައިސާވެސް ވަނީ އެކުންފުންޏަށް ދީފައެވެ.

"އެ ޕްރޮޖެކްޓު ކުރިއަށް ނުގެސްގޮން ޕްރޮޖެކްޓު ހިނގާފައި އޮތް ގޮތާއި މި ޕްރޮޖެކްޓު ކުރިއަށްދިޔަ ގޮތުގެ އޮޑިޓެއް މިހާރު ދަނީ ހަދަމުން. މި ޕްރޮޖެކްޓު އެވޯޑުކުރުމާއި ޕްރޮޖެކްޓުގެ ކަންކަން ކުރިއަށް ދިޔައީ ފުލުހުންނަށް އެނގިގެނެއް ނޫން." ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަނެއް އަޅަން އިންޑިއާގެ ދެކުންފުންޏެއް ގުޅިގެން ޕާޓްނަރޝިޕެއް ހަދާފައިވާ ކަމަށެވެ. އަދި މި ދެ ކުންފުންޏަށް ދިވެހި ސަރުކާރުން 50 މިލިއަން ރުފިޔާދީ އެއަށް ވީނުވީ ނޭނގޭތީ އެ މައްސަލަ ބަލާ ތަޙްޤީކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާކަމަށް ވަޒީރު އޭރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިކުންފުންޏަކީ ރާއްޖެއަށް ބޭރުން ފައިސާ ގެނެސް ޕޮލިސް ސްޓޭޝަންތައް 61 ރަށުގައި އަޅައިދޭ ނަމުގައި އައި ކުންފުންޏެއް ނަމަވެސް އެއްވެސް ޕޮލިސް ސްޓޭޝަނެއް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ހިނގާފައި ނުވާކަން ވަޒީރު ވަނީ އޭރު ފާހަގަކުރައްވާފައެވެ. އަދި މި ޕޮލިސް ސްޓޭޝަންތައް އެޅޭނޭ އެއްވެސް މަގެއް ވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށްވެސް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.