ޚަބަރު

ގިނަވަގުތު ބޯޅަ ގެންގުޅެގެން މެޗެއް ކާމިޔާބުނުކުރެވޭނެ: ޑެޝޯމްޕްސް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރޭ ބެލްޖިއަމް އަތުން 0-1 އިން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނީ، ހަމައެކަނި ގިނަވަގުތު ބޯޅަ ގެންގުޅެގެން މެޗެއް ކާމިޔާބުނުކުރެވޭނެ ކަމަށާއި، އޭނާގެ ޓީމުން ކުރިއަށް އޮތް މެޗުތަކުގައި ލަނޑުޖަހަން ތަނަވަސްކުރާ ފުރުޞަތުތައް އިތުރުކުރާން ބޭނުންވާ ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ބުނީ، މެޗުގައި އޭނާގެ ޓީމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށްގެން ލަނޑުޖަހާނެ ފުރުޞަތުތައް ތަނަވަސްކުރި ކަމަށާއި، ބޮޑަށް ބެލީ ބެލްޖިއަމްގެ މަޅީގައި ނުޖެހި ތިބެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

މުބާރާތުގެ މިހާ ހިސާބަށް އައިއިރު ފްރާންސުން ކުރިއެރުންތަކެއް ހޯދައިފި ކަމަށާއި، އެޓޭކިން ޓީމަކަށް ވިޔަސް ބެލްޖިއަމުން ފްރާންސާ ދެކޮޅަށް ކުޅުނީ ވަރަށް ސަމާލުވެ ތިބެ، ޑިފެންސިވް ކުޅުމެއް ކަމަށެވެ.

އަދި، މުބާރާތުގެ ކުއާޓާ ފައިނަލަށް ފްރާންސް ދަތުރުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިކަމަށާއި، އެހެންނަމަވެސް އެ އަމާޒަށް ވާސިލްވެވުމުން އުފާ ކުރާ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

އެއްވެސް ކަމެއް މާބޮޑު ފަސޭހައަކާއެކު ނުވާނެ ކަމަށާއި، ކުއާޓާ ފައިނަލަކީ މުބާރާތުގެ ވަރަށް މުހިއްމު މަރުހަލާއެއް ކަމަށް ވެސް ޑެޝޯމްޕްސް ބުނެފައިވެއެވެ.

ބައިކޮޅަށް ވަތް ގޯލަކުން އޭނާގެ ޓީމު މޮޅުވިނަމަވެސް އެކަމުގައި މާބޮޑު ފަރުވާލެއް ނެތް ކަމަށާއި، އެކަން އެގޮތަށް މެދުވެރިވީ ފްރާންސްގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅައަކުން ކަމަށް ވެސް ޑެޝޯމްޕްސް ފާހަގަކުރިއެވެ.

މޮޅު ހުރިހާ ޓީމެއް ވެސް މިވަގުތު މުބާރާތުގައި ދެމިއެބައޮތް ކަމަށާއި، ހުރިހާ މެޗެއްވެސް ކުޅެވިގެންދަނީ އެންމެ ހައި އިންޓެންސިޓީގައި ކަމަށް ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސަކީ ލަނޑުޖަހަން ލިބޭ ފުރުޞަތުތައް ނިންމާލުމުގެ ގާބިލްކަން އޮތް ޓީމެއް ކަމަށާއި، މުބާރާތް ފެށިގެން މިހާ ހިސާބަށް އައިއިރު އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާއިރު އެކަން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން އިތުރު ޕްރެޝަރަކާ ހުރަސްތަކެއް ކުރިމަތިވާން ބޭނުންނުވާ ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

މެޗަށްފަހު ދެއްކި ވާހަކައިގައި ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ވަނީ، އޭނާގެ ކީޕަރު، މުބާރާތުގައި ކަސްޓީލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށާއި، ހާއްސަކޮށް ޔޫކްރޭން މެޗުގައި މުހިއްމު ސޭވްތަކެއް ކޮށް، އެ މެޗުގައި ޓީމު ސަލާމަތްކުރި ކަމަށް ބުނެފައެވެ.

ގަދަ 16 ގެ ބުރުގައި ބެލްޖިއަމަށް ވާދަކުރެވޭ ގޮތްވީ ވެސް އެ ދުވަހު އޭނާ އެ ކުރި ސޭވްގެ ސަބަބުން ކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ.

ފްރާންސާ ދެކޮޅަށް ކަސްޓީލްސްގެ ފަރާތުން މޮޅަށް ކުޅުނު ކަމަށާއި، ޓީމު ކޮޅަށް ވަތް ގޯލުގައި އޭނާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޓެޑެސްކޯ ބުނެފައިވެއެވެ.