ޚަބަރު

ދަނޑުވެރިކަމުގެ ޢިލްމީ ދިރާސާތައް ކުރުމަށް އެމްއެންޔޫއާއެކު ސޮއިކޮށްފި


  • ދިރާސާތައްކޮށް މި ދާއިރާއަށް މީހުން ތަމްރީންކުރާނެ

  • ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމަށް މަގުފަހިވާނެ

ދަނޑުވެރިކަމާއި ގުޅޭ ޢިލްމީ ދިރާސާތައް ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢާއިޝަތު ރަމީލާއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، އެ ވުޒާރާގައި ދަނޑުވެރިކަމާ ގުޅޭ ޢިލްމީ ދިރާސާއާއި، މިހާރު ދަނޑުވެރިކަން އޮތްގޮތާއި ހާލަތު އެނގޭނެ ދިރާސާއެއް ހެދިފައި ނެތްކަމަށެވެ. މިފަދަ ދިރާސާއެއް ނެތުމުގެ ސަބަބުން މި ދާއިރާ ކުރިއަރުވަން ބޭނުންވާ ފައިސާ ހޯދުމާއި، ތަމްރީން ފުރުސަތުތައް ހޯދުމުގައިވެސް ވަރަށް ދަތިކަން އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ ފަރާތްތަކާއެކު އެކިއެކި މުއާހަދާތަކުގައި އަދި އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ބޭސްލައިން އަންޑަސްޓޭންޑިންއެއް ނެތުމަކީ ދެރަ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

"ޚާއްސަގޮތެއްގައި ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެން މިހާރު ދަނޑުވެރިކަން ކުރަމުންމިދާ ރަށްރަށުގެ ބިމުގެ ހާލަތު، އެސިޑިޓީ ހުރިވަރު ނުވަތަ ސެލިނިޓީ ހުރިވަރު، ނުވަތަ ދަނޑުވެރިކަމުގެ ބޭނުމަށް ޕެސްޓިސައިޑް އެޅުމުގެ ސަބަބުން ބިންގަނޑު ހަލާކުވެފައި ވުމުގެ ސަބަބު ދެނެގަތުމަކީވެސް ވަރަށް މުހިންމު ކަމެއް. އެއީ ދަނޑުވެރިންނަށް އިތުރަށް ރަނގަޅު މަންފާއެއް ނެރެވޭނެގޮތައް އެ މަސައްކަތް ކުރަން އަޅުގަނޑުމެންނަށް ލަފާދެވޭނީ އެއިރުންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެކިއެކި ލެވެލްގައި ކިޔަވާ ދަރިވަރުންނަކީވެސް ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަމުގެ ދިރާސާތައް ކުރުމަށް ސައުގުވެރިވާ ބަޔަކަށް ހެދުމަށްޓަކައި އެޝައުގު އުފެއްދުމަށްވެސް ބޭނުންވޭ." ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދަނޑުވެރިކަމާއި ގުޅޭ ޢިލްމީ ދިރާސާތައް ކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމަށް ކިޔެވޭނެ މަގު ފަހިވެގެންދާނެކަމަށެވެ. މިފަދަ ދިރާސާތައްކޮށް، ރާއްޖޭގައި ތަފާތު ތަކެތި ހައްދައިގެން އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމުގެ ފުރުޞަތު އެބައޮތްކަން ޝެހެނާޒް ފާހަގަކުރެއްވިއެވެ. ދަނޑުވެރިކަމަށް އިންވެސްޓްކޮށްގެން ބިމުގެ ސިއްޙަތާއި، ތިމާވެށްޓަށް ޚާއްސަކޮށް ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް އިތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ދެމެހެއްޓެނިވި ދަނޑުވެރިކަމަކީ އަޅުގަނޑުމެންގެ ދިރިހުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މުހިންމު ކަމެއް." ޑރ. ޢައިޝަތު ޝެހެނާޒް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތައް ޒުވާނުން ނެރެ މި ދާއިރާއިން ކުރު މުއްދަތުގެ އަދި މަތީ ތައުލީމަށް ކިޔެވޭނެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.